ދީނީ ތިން އިލްމުވެރިއަކަށް ދީފައި އޮތް ތަގްރީރު ކުރުމާއި ވައުޒު ބުނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.
ހުއްދަ ހިފަހައްޓާފައިވަނީ ނ. ޅޮހީ މަނަދޫގޭ އަބްދުއްރައހީމް މުހައްމަދާއި، ސ. މީދޫ ދެކުނުގޭ ޖައުފަރު ފާއިޒާއި ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން އަށް ދީފައިވާ ހުއްދައެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި މި ތިން މީހުންގެ ތެރެއިން އަބްދުއްރަހީމް މުހައްމަދާއި ޖައުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި ވާހަކަ ދައްކާތީ އާއި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭނެހެން ވާހަކަދައްކަމުން އަންނާތީއެވެ.
މުހައްމަދު ހަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތން މުޖްތަމައުގައި ބައިބައިވުމާއި ފިތުނަފަސާދަޔަށް މަގުފަހިވާނޭހެން ވާހަކަދެއްކުމާއި ދީނީ އިލްމުވެރިންނާއިމެދު ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމާއި ދަންނަބޭކަލުންގެ އިޖުމާއުން އެގެންނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތްގޮތް ކަމުގައި ހަދައި އެގޮތަށް ބާރުއަޅައި ވާހަކަ ދެއްކުމާއި އަދި މި މޭރުމުން ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރަމުންދާކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް