ރާއްޖޭގެ އިސްލާމީ އިލްމުވެރިން އެއްވެސް މީހަކު މަރާކަށް ހިތްވަރެއް ނުދޭނެ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ހުރި ޚިލާފުތަކަކީ އިލްމީ ޚިލާފުތަކެއް ކަމަށެވެ. އެއީ އެހެން ދާއިރާތަކުގެ އިލްމުތަކުގެ އަހުލުވެރިންގެ މެދުގައިވެސް ހުންނަ މަދުރަސީ ޚިލާފުތައްފަދަ ޚިލާފުތަކެއް ކަމުގައި ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ވަޒީރު ކަމުގައި މަސައްކަތްކޮށްފައިވާނީ އިލްމުވެރިން އެއްގަލަކަށް އަރުވައި، ޚިޔާލު ތަފާތުވުން ކުޑަކޮށް، ސުލްހަވެރި ކަމާއެކު މަޝްވަރާ ކުރުމުގެ ވެއްޓެއް އުފެއްދުމަށް ކަމަށެވެ. އަދި ހަރުކަށި ޚިޔާލުގެ މީހުން ފިކުރީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމުގައިވެސް ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް މި މޭރުމުން ޓްވީޓްކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް