މިއަހަރު އޯ ލެވަލް އަދި އޭލެވަލް ނިންމާ ކުދިންނަށް ޚާއްސަކޮށްގެން "ނެކްސްޓް ސްޓެޕް" ގެ ނަމުގާ ދެ ދުވަހުގެ ކެރިއަރ ގައިޑެންސް އިވެންޓެށް ބާއްވަން ކްލިކް ކޮލެޖުން ނިންމައިފިއެވެ.
ސްކޫލްގަ އުޅޭ ދުވަސްވަރު ހުރިހާ ދަރިވަރުންވެސް މަސައްކަތް ކުރަނީ އިމްތިހާނުގަ ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. ނަމަވެސް އޯލެވެލް އަދި އޭލެވެލް ނިމުމުން ދެން އަންނަނީ ހުސްކަމެކެވެ. ބައެއް ކުދިން އިންތިޒާރު ކުރަނީ ނަތީޖާ ނުކުންނާނެ ދުވަހަކަށެވެ. މަތީ ތަޢުލީމް ހާސިލް ކުރުމުގެ އުއްމީދުގައެވެ. ބައެއް ކުދިން ވަޒީފާ އެއް ހޯދުމަށް ނުކުމެއެވެ. އެހެންނަމަވެސް ވަރަށް ގިނަފަހަރު މިކުދިންނަށް ރާއްޖޭގައި ހުރި ފުރުސަތު ތަކެއް ނޭނގެއެވެ. ރާއްޖޭގައި ވަޒީފާ އަދާ ކުރެވެން ހުރީ ކޮންކަހަލަ ތަފާތު ދާއިރާތަކެއް ކަމެއް ނޭނގެއެވެ. ހަމަ އެހެންމެ ގިނަ ކުދިން ފުރަތަމަ ޖޮބް އިންޓަވިއުއަކަށް ދާއިރު ކުރިމަތިވެދާނެ ސުވާލުތަކާމެދު ވިސްނައެވެ. އަދި ޖޮބް އިންޓަވިއުއަކަށް ދާއިރު ތައްޔާރު ވާން ބޭނުން ވެއެވެ.
ކްލީކް ކޮލެޖުން ބާއްވާ "ނެކްސްޓް ސްޓެޕް" ގައި އިންޓަވިއު އަށް ތައްޔާރުވާނެ ގޮތް ކިޔާދިނުމަށް ރާއްޖޭގައި ހުރި އެންމެ ބޮޑެތި އެމްޕްލޮޔާރސް ހަރަކާތްތެރިވާނެވެ. އަދި ޖޮބް އިންޓަވިއުއަކަށް ދާއިރު ވަޒީފާ ދޭފަރާތްތަކުން ބަލާ ކަންކަމަކީ ކޮބައިކަން ބުނެދޭނެއެވެ. ހަމަ އެހެންމެ ވަޒީފާއަކަށް އެދޭ އިރު ސީ.ވީ ތައްޔާރު ކުރާނެ ގޮތް ވެސް ކިޔާދޭނެއެވެ.
ބައެއްކުދިންނަކީ ސްކޫލް ނިމޭގޮތައް ވަޒީފާއަކަށް ނުކުންނަން ބޭނުންވާ ކުދިންނެއް ނޫނެވެ. އެހެންނަމަވެސް ކޮންމެސް ހަރަކާތެއްގައި ބައިވެރިވެލާ ތަޖުރިބާހޯދާލަން ބޭނުންވާ ކުދިންނެވެ.ކްލިކް ކޮލެޖުން މައުލޫމާތުދެއްވާގޮތުގައި ނެކްސް ސްޓެޕް އިވެންޓްގައި ރާއްޖޭގައި ހުރި ތަފާތު އެކި ދާއިރާތަކާބެހޭގޮތުން މައުލޫމާތު ދެވޭނެއެވެ. އޭގެ ތެރޭގައި ވޮލަންޓިއަރ ކޮށް މަސައްކަތް ކުރެވެން ހުރި ދާއިރާތަކާ ބެހޭގޮތުން މަޢުލޫމާތު ދެވޭނެއެވެ. މި އިވެންޓްގައި ހިމެނޭ ވޮލަންޓިއަރ އޯރގަނައިޒޭޝަން ތަކުގެ ތެރޭގައި ޖޭ.ސީ.އައި ފަދަ އިންޓަނޭޝަނަލް ޖަމީއްޔާތައް ހިމެނެއެވެ. މީގެ އިތުރުން ގްރޫމިންގ، ކެއްކުން، ސްޕޯރޓްސް އެންޑް ފިޓްނަސް ފަދަ ތަފާތު ދާއިރާ ތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވާނެއެވެ.
ހަމައެއާއެކު ރާއްޖޭގައި އެންމެ ގިނަ މުއައްޒަފުން ގެންގުޅޭ ކުންފުނިތަކުގައި އޯ ލެވެލް ނިމުމުން ނުވަތަ އޭ ލެވެލް ނިމުމުން ވަޒީފާ އަދާކުރެވިދާނެ ދާއިރާ ތަކާ ބެހޭ މަޢުލޫމާތު ލިބިގެން ދާނެއެވެ. މީގެ އިތުރުން މަތީތަޢުލީމް ހާސިލް ކުރުމަށް ހުރި ފުރުސަތުތަކާބެހޭ މަޢުލޫމާތުވެސް ލިބޭނެއެވެ.
[contentcards url="https://web.facebook.com/events/2460001144098258/" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް