އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ ޕީޖީން މިގޮތަށް ނިންމާފައި ވަނީ މި ދެފަނޑިޔާރުން މަގާމުން ވަކިކުރުމާއި މެދު މިއަދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވާތީ އެވެ.
ރައްޔިތުނެގް މަޖިލީހުގެ މިއަދުގެ އެޖެންޑާގައިވާ ގޮތުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަޔާން ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ މަޖިލީހުގެ ތަޅުމަށް އިއްވާނެ އެވެ. މިމައްސަލަ ދިރާސާ ކުރުމަށްފަހު އެ ކޮމިޓީން ވަނީ ދެފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމާފަ އެވެ.
މިދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ވޯޓަށް އެހުން އޮންނާނީ މިއަދު މެންދުރު 1:30 ގައެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން މިއަދު ވަކިކުރާއިރު ދެބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ޖޭއެސްސީން އެބޭފުޅުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ވަނީ އިޖުރާޢަތުތަކާއި ހިލާފަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް