ކ. ކާށިދޫގައި އެއާޕޯޓެއް އަޅައިދިނުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދިނުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިލައްވައިފިއެވެ.
ޖާބިރު މިކަމަށް އެދިލައްވާފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
އެ ސިޓީފުޅުގައި ޖާބިރު ވިދާޅުވެފައިވަނީ ރަށު ފަތުރުވެރި ކަމުގެ ވިޔަފާރީގެ ތެރެއިން ރަނގަޅު އާމްދަނީއެއް މާލެ ކައިރި ރަށްރަށުގެ ރައްޔިތުންންނަށް ލިބެމުން އަންނައިރު ކާށިދޫ ރައްޔިތުންނަށް އެމަގުން އާމްދަނީ ހޯދުމުގެ ފުރުސަތު ގެއްލިފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ވައިގެ ދަތުރު ކުރެވޭނެ ގޮތުގެ މަތިން، ކާށިދޫގައި ރީޖަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރަށް ދެންނެވުމަށް އެ ރަށު ކައުންސިލުންވެސް ފާސްކޮށްފައިވާކަމަށެވެ.
"ކާށިދޫއަކީ މާކަނޑެއްގެ މެދުގައި ވަކިން އޮންނަ ރަށަކަށް ވުމާއި، ކިރިޔާވެސް ވައި ގަދަވެއްޖެ ހިނދެއްގައި ދަތުރުކޮށް އުޅުމަށް އެ ރަށުގެ ރައްޔިތުން އުފުލަމުންއ އަންނަ ތަކްލީފްގެ ބޮޑުކަމާއިއެކު އެރަށަށް ދަތުރުކުރާ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެ ސިޓީގައި އިތުރަށްވިދާޅުވެފައިވަނީ ކާށިދޫއަށް ދަތުރުފަތުރުކޮށް އުޅުމުގެ ދަތި މައްސަލައަށް ހައްލެއް ގެނެސް، އެ ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް ގެންދެވެ، އަދި އެ ރަށުގެ ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުވެގެންދާނެ ގޮތުގެ މައްޗަށް މަޖިލީހުން ވިސްނާ ވަޑައިގެން 2020ގެ ބަޖެޓުގައި ކާށިދޫ އެއާޕޯޓްގެ މަޝްރޫއު ހިމަނުއްވައިދެއްވުމަށް އެދި ދަންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް