ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފަށައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯމް މިނިސްޓްްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން އެކަމާ ހިތްހަމަނުޖެހި ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. ޖަމީލުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށާއި ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފެށީ ކަމަށެވެ.
" ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް." ޑރ. ޖަމީލުގެ ޓްވީޓުގައި ވެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައިމިވަނީ ހޯމް މިނިސްޓްްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމާއިގުޅިގެން ނެވެ.
ހޯމް މިނިސްޓްރީގެ ދަށުން އެ މުއައްސަސާ ވަނީ ވަކިކޮށްފައިވަނީ ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް އަމަލު ކުރަން ފެށުމުން ނެވެ.
ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ވަކި ކޮށްފައިވާކަން އަންގައި، ރައީސް އޮފީހުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް ސިޓީއެއް ފޮނުއްވާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެ ސިޓީގައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް