ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމަކީ ބިދުޢައެއް ނޫން. އެއީ ކުރަން ޖެހޭ ކަމެއް." ކަމަށެވެ.
ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަކީ ބިދުއައެއް ކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވަމުން ގެންދަނިކޮށް ދީނީ ޢިލްމުވެރިޔާ އަލް އުސްތާޛޫ މައުމޫން ޢަބްދުލްޤައްޔޫމު ކުރެއްވީ ޓްވީޓުގައި އެކަމާއިގުޅުން ހުރި ބައެއް ލިތުންތައް ވެސް ވަނީ ހިއްސާ ކުރައްވާފަ އެވެ.
ރައީސްގެ މައުމޫންގެ ހިއްސާކުރެއްވި ލިޔުއްވުމުގައި ޒަމާނުއްސުރެ އިސްލާމީ ގައުމުތަކުގައްޔާއި ރާއްޖޭގައި މި ދުވަސް ފާހަގަކުރަމުން އަންނަކަން ފާހަގަކޮށްފައި ވެއެވެ. އެހެންނަމަވެސް ބިދުއައެއް ކަމަށް ބުނެ ރާއްޖޭގައި މި ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެފައި ވެއެވެ.
"މިއީ މާ ބޮޑު ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން. މި ދުވަސް ފާހަގަކުރުމަކީ ހަރާމްކަމެއް ކަމަށް ބުނާ އެއްވެސް އާޔަތެއް ގުރުއާނުގައި ވެސް ނެތް. އެފަދަ ދަލީލެއް ރަސޫލާގެ ސުންނަތުގައި ވެސް ނެތް." ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވެފައިވަނީ މި ދުވަސް ފާހަގަކުރުމަކީ ހަރާމް ކަމެއް ކަމަށް ބުނާނެ އެއްވެސް ދަލީލެއް ނެތް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިން ކުރެވިފައިނުވާ ކަމެއް، އެކަމުގެ ފައިދާއަށްޓަކައި ދީނުގެ އަސްލުތަކާ ޚިލާފު ނުވާނޭހެން ކުރުމަކީ ބިދުއައަކަށް ނުވާނޭ ކަމަށެވެ.
https://twitter.com/maumoonagayoom/status/1450069760079810560
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވާ އުރު، ޝެއިޚް އަލީ ޒައިދު ވިދާޅުވެފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނު ދެކެ އިންތިހާއަށް ލޯބިވެވަޑައިގެންނެވި އެއްވެސް ޞަޙާބީ ބޭކަލަކު އެކަލޭގެފާނުންގެ އުފަންދުވަސް ފާހަގަ ކުރައްވައިފައިނުވާ ކަމަށެވެ. އަދި އެދުވަސް (ރަސޫލާގެ އީދުމީލާދު) ފާހަގަކުރުމަށް ދީނުގައި އިރުޝާދު ދެއްވާފައި ވެސް ނުވާ ކަމަށެވެ.
ޝައިޚް އަލީ ޒައިދުގެ އިތުރުން ބައެއް އެހެން ދީނީ ޢިލްމުވެރިން ވެސް ކީރިތި ރަސޫލާގެ އީދުމީލާދު ފާހަަގަކުރުމަކީ ބިދުއައެއް ކަމަށް ބުނަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް