ކޯވިޑް މަދު 19 ގައުމަކަށް ބާލީ އަލުން ހުޅުވާލައިފި، ރާއްޖެ ނުހިމެނޭ!

އިންޑޮނީޝިއާގައި އެންމެ މަގުބޫލު ރަށް ބާލީ ޓޫރިސްޓުންނަށް އަލުން ހުޅުވާލައިފި އެވެ. އެ ގައުމުގެ މިނިސްޓާ އޮފް މެރިޓައިމް އެފެއާޒް އެންޑް އިންވެސްޓްމެންޓު ލުހުތް ބިންސާރު ވިދާޅުވީ ބަލީއަށް ދިއުމުގެ ފުރ...

18 Oct 2021 | 12:53

އިންޑޮނީޝިއާގައި އެންމެ މަގުބޫލު ރަށް ބާލީ ޓޫރިސްޓުންނަށް އަލުން ހުޅުވާލައިފި އެވެ.

އެ ގައުމުގެ މިނިސްޓާ އޮފް މެރިޓައިމް އެފެއާޒް އެންޑް އިންވެސްޓްމެންޓު ލުހުތް ބިންސާރު ވިދާޅުވީ ބަލީއަށް ދިއުމުގެ ފުރުސަތު އަދި ހުޅުވާލީ 19 ގައުމަކަށް ކަމަށެވެ. އެ ގައުމުތައް ކަނޑައެޅި ކޯވިޑް ކޭސްތައް ފެންނަމުންދާ މިންވަރަށް ބަލައިގެން ކަމަށެވެ.

އެ ގައުމުތަކަކީ ޗައިނާ އިންޑިއާ، ސްޕެއިން، ސައުދީ އަރަބިއްޔާ، ކުވައިތް، ބަހްރެއިން، ޕޮލެންޑް، ފްރާންސް، ހަންގޭރީ، ޕޯޗުގަލް، ގަތަރު، ސައުތް ކޮރެއާ، ސްވެޑެން، އިޓަލީ، ޖަޕާން އަދި ޔޫއޭއީގެ އިތުރުން ނޯވޭ އާއި ނިއުޒިލެންޑާއި ލިކްޗެންސްޓައިން އެވެ. މި ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ބާލީއަށް ދަތުރު ކުރެވޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށެވެ.

އަދި އެމީހުން އިންޑޮނީޝިއާއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ އޮންނަން ޖެހެ އެވެ. މީގެ އިތުރުން އަމިއްލަ ހަރަދުގައި ފަސް ދުވަހު ކަރަންޓީންވާން ޖެހެ އެވެ.

19 ގައުމަކަށް ބާލީ ހުޅުވާލިޔަސް އެ ރަށަށް އަދި އެއްވެސް އިންޓަނޭޝަނަލް އެއާލައިނަކުން ދަތުރެއް ނުފަށައެވެ. އެހެންވެ ހުޅުވާލިތާ ހަތަރު ދުވަސް ވީއިރުވެސް ޓޫރިސްޓުންނެއް ނުދެ އެވެ.

ބާލީގެ ސަރުކާރުން ބުނީ ޓޫރިސްޓުން އަންނަން ވަގުތު ނަގާނެ ކަމަށާއި އެކަމަކު މިމަސް ނިމުމުގެ ކުރިން އެއާލައިންތަކުގެ ދަތުރުތައް ފަށައި ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ބާލީއަށް އާންމުކޮށް އަހަރަކު ހަ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. އެކަމަކު މިދިޔަ އަހަރު ކޯވިޑާއި ގުޅިގެން އެ ރަށަށް ގޮސްފައިވަނީ އެންމެ މިލިއަނެއްހާ ޓޫރިސްޓުން ކަމަށްވެ އެވެ.

އިންޑޮނީޝިއާގެ ބާލީ އަކީ މިހާރު ދިވެހިންގެ މެެދުގައިވެސް ވަރަށް މަގުބޫލު މަންޒިލެކެވެ. ކޯވިޑްގެ ހާލަތުގެ ކުރިން ގިނަ އަދަދެއްގެ ދިވެހިން ބާލީއަށް ޗުއްޓީ ހޭދަކުރަން ގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް