ވ. ފުލިދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗުން މޫދަށް ވެއްޓި ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ވައިގެމަގުން ފަށާފައިވާ ކަަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވައިބަރ ގްރޫޕުގައި ދުވަސްއެމްވީ އިން ކުރި ސުވާލަކަށް އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓް މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި މި ފްލައިޓުގެ ބޭނުން ކުރިންހިފާފައިނުވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ގްރައުންޑް ކުރެވިފައި ވާތީ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިމަހުގެ 16 ވަނަ ދުވަހު ހިނގި މި ހާދިސާ އާގުޅިގެން އެ ކުއްޖާ ހޯދުމަށް ކޯސްޓުގާޑު ޝިޕް ޝަހީދު އަލީ އިއްޔެއިން ފެށިގެން އަންނަނީ މަސައްކަތް ކުރަމުން ނެވެ.
މިގޮތުން އެ ކުއްޖާ ހޯދުމަށްޓަކައި މިހާތަނަށް 10 ކިލޯމީޓަރުގެ ޞަރަހައްދެއް ވަނީ ބަލާފަ އެވެ. ނަމަވެސް މިހައިތަނަށް ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން ބުނީ އެކުއްޖާ ގެއްލުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއްނޯޓިކަލް މޭލު ދުރުން ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ޚަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ވީހާވެސް އަވަހަކަށް އެމްއެންޑީއެފް އަށް އެންގުމަށް ވަނީ އެދިފަ އެވެ.
އިއްޔެ ހަވީރު 5:30 ހާއިރު އޮޅުވެލި ރިސޯޓް ކައިރީ މި ހާދިސާ ހިނގި އިރު ލޯންޗުގައި 12 މީހުން ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް