ބަންގްލަދޭޝްގެ މަޝްރަހު ހޫނުވަނީ، މައްސަލަ ފެށުނީ ހިންދޫ އަޅުކަމެއްގައި ޤުރުއާނަށް ފައިން އެރުމުން!

ބަންގްލަދޭޝްގެ މަޝްރަހު ހޫނުވެ ބޮޑެތި ހަމަނުޖެހުންތައް ހިންގަން ފަށައިފި އެވެ. ބަންގްލަދޭޝްގެ އާބާދީގެ 90 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. ދީނި ކަންކަމުގައި އެހެން ދީންތަކަށް އަޅުކަން ކު...

18 Oct 2021 | 12:20

ބަންގްލަދޭޝްގެ މަޝްރަހު ހޫނުވެ ބޮޑެތި ހަމަނުޖެހުންތައް ހިންގަން ފަށައިފި އެވެ.

ބަންގްލަދޭޝްގެ އާބާދީގެ 90 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. ދީނި ކަންކަމުގައި އެހެން ދީންތަކަށް އަޅުކަން ކުރާ މީހުން އަބަދުވެސް އެ ގައުމުގައި ވިސްނަން ޖެހޭ އެއް ކަމަކީ އިސްލާމް ދީނާއި ދެކޮޅު އެއްވެސް ކަމެއް ނުކުރުމެވެ.

މިފަހަރު އެ ގައުމުގެ މަޝްރަހު ކުއްލިއަކަށް ހޫނުވަމުން މިދަނީ މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި މީހަކު އާންމު ކުރި ވީޑިއޯ އަކާއި ގުޅިގެންނެވެ. އެ ވީޑިއޯގައި ފެންނަނީ ބަންގްލަދޭޝްގައި ހިންދޫ ދީނުގެ ފައްޅިއެއްގައި އަޅުކަން ކުރި އިރު ހަތިމެއްގެ މައްޗަށް ފައިން އަރައިގެން އުޅޭ މަންޒަރެވެ.

އެ ވީޑިއޯ އާންމުވުމާއި އެކު ބަންގްލަދޭޝްގެ ހިންދޫއިންނާއި ދެކޮޅަށް މުސްލިމުން ވަރުގަދަ މުޒާހަރާތަކެއް ވަނީ ފަށާފަ އެވެ. އަދި ހިންދޫ ފައްޅިތަކާއި މީހުން ދިރިއުޅޭ ގޭގެއަށް ހަމަލާ ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި އެ ހަމަލާތަކުގައި މިހާތަނަށް ހިންދޫ ދީނުގެ ދެ މީހަކު މަރާލާފައިވާއިރު 100 އަށްވުރެ ގިނަ ހިންދޫ ދީނުގެ މީހުން ވަނީ ޒަހަމް ކޮށްލާފަ އެވެ. މުޒާހަރާތައް ކޮންްރޯލް ކުރުމަށް ބަންގްލަދޭޝް ސިފައިންވެސް މަގު ތަކަށް ނެރެފައިވާއިރު ދެ މީހުން މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ 300 އެއްހާ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބަންގްލަދޭޝް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ މުޒާހަރާތަކުގައި ހަތަރު މީހަކު މަރުވެފައިވެ އެވެ. އެމީހުން މަރުވެފައިވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި އެވެ.

މުސްލިމުންގެ މުޒާހަރާތައް ފަށާފައިވަނީ އެ ވީޑިއޯ އިން ފެންނަ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މުސްލިމް ޖަމާއަތްތަކުން ގޮވާލިތާ ދެ ދުވަސްވީއިރުވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅުމުންނެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ ހިންދޫ ކޮމިއުނިޓީގެ ލީޑަރުންނާއި ބައްދަލުކޮށް ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް އެމީހުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ވިދާޅުވީ މުޒާހަރާތައް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި 90 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝް ސަރުކާރުން ވަނީ މުޒާހަރާތަކަށް އިތުރު ހިތްވަރު ނުލިބޭނެ ގޮތް ހެދުމަށް މުޒާހަރާތައް ކުރިޔަށްދާ ސަރަހައްދުތަކުން އިންޓަނެޓާއި މޮބައިލް ފޯނުގެ ހިދުމަތް މެދުކަނޑާލާފަ އެވެ.

ބަންގްލަދޭޝްގެ ސިޓީއެއް ކަމަށްވާ ޗިޓަގޮންގައި ހިންދޫ، ކްރިސްޓިއަން އަދި ބުދިސްޓު ދީނަށް އަޅުކަން ކުރާ މީހުން ގުޅިގެން ވަނީ އެމީހުންނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ މިމަހުގެ 23 ވަނަ ދުވަހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ނިންމާފަ އެވެ. އެކަން ކުރާނީ ހަ ގަޑިއިރަށެވެ.

ބަންގްލަދޭޝްގެ 165 މިލިއަން އާބާދީގެ ތެރެއިން ހިންދޫ އާބާދީއަކީ އެންމެ 10 ޕަސެންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް