އދ. ދަނގެތީގައި މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެްގޮސްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސާލިމް، މަހުމޫދުގެ ކަށުނަމާދަށް ދިޔަ ކަން ހާމަވެއްޖެ އެވެ.
"ދުވަސް" އަށް ލިބިފައިވާ ފޮޓޯއަކުން މުހައްމަދު ސާލިމް ކަށުނަމާދުގެ ޖަމާއަތުގައި ހުރި މަންޒަރު ފެނެއެވެ.
އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު މަހުމޫދުގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ސާލިމް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ 15 ދުވަހުގެ ބަންދެއް ޖަހާފައެވެ. މިހާރު އޭނާ ހުރީ ބަންދުގައި އދ. މަހިބަދޫގައެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ސާލިމް ލައިގެން ހުރީ އިއްޔެ އޭނާ ދިރިއުޅޭ ނެދުންގެއަށް ފުލުހުން ގެންދިޔަ އިރު ލައިގެން ހުރި ހުދު ގަމީހެވެ.
އިއްޔެ ފުލުހުން ވަނީ ސާލިމް ދިރިއުޅޭ އެ ރަށު ނެދުންގެއަށް ގެންގޮސް އޭނާ ލައްވައި އޭނާ އަމަލު ކުރި ގޮތް ކުޅުވައިފަ އެވެ.
މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައި އޮތް ފެން ވަޅު ހުންނަ ގޯއްޗަށް ވެސް ފުލުހުން އޭނާ ގެންދިޔަ އެވެ. އެ ވަޅު ކައިރި އަށް ވެސް ސާލިމް ގެންގޮސް ފުލުހުން ވަނީ އޭނާ އަމަލުކުރި ގޮތް ކުޅުވައިފަ އެވެ.
މަހުމޫދު ގެއްލުނު ރޭ ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން މީހަކު ވަނީ ފުލުުހުންނަށް ކިޔައިދީފަ ކަމަށްވެ އެވެ. އޭގެ ތެރޭގައި ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެ ގޭގެ ފާރުމަތިން ބޯ ދިއްކުރި މީހަކަށް ފެނުނު ކަމަށް ބުނާ ބައެއް މަންޒަރުތައް ހިމެނެ އެވެ.
އެކަމަކު މަހުމޫދުގެ މަރާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް