ހދ. ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ސިޓީ ޕޯޓާއި، ސ. ހިތަދޫގައި ހުންނަ އައްޑޫ ޕޯޓުގެ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ އެވެ. ޝާހިދު ވިދާޅުވީ،
ކުޅުދުއްފުށީ ސިޓީ ޕޯޓާއި، އައްޑު ސިޓީ ހިތަދޫ ޕޯޓުގެ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓުގެ ބަނދަރަކީ ޖާގައިގެ ގޮތުން ދަތި ތަނެއް ކަމަށާއި، އެތަނަށް ވަދެވެނީ ވަރަށް ކުދި ބޯޓުތަކަށް ކަމަށެވެ. އެހެންކަމުން އެ ބަނދަރަށް އަންނަ ބޮޑެތި ބޯޓުތަކުން މުދާ އުފުލަން ޖެހެނީ ތަންކޮޅެއް ބޭރުގައި ބާއްވައިގެން ދޯންޏަކަށް ނޫނީ ބާޖަަކަށް ބާލައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންވި ކުޅުދުއްފުށި ޕޯޓު ތަރައްގީކުރުމަށް މިހާރު ރަވާފައިވަނީ ތަންކޮޅެއް ފުން ކީވޯލެއް ލިބޭ ގޮތަށް، ކީވޯލް ބޭރަށް ދިގުކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ހިތަދޫ ޕޯޓު މިހާރު ހެދިފައި ވާ ގޮތުން އެ ޕޯޓުގެ ކީވޯލް ހުންނަނީ ގަމު ކަނޑާއި ވިލިނގިލި ކަނޑާ ދިމާ މެދަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެތަނުގެ ބާނި އޮންނަ ގޮތުގެ ސަބަބުން އެތަނާ ކައިރިކޮށްފައި އޮންނަ ބޯޓުތައް ވަރަށް ބޮޑަށް ހަލުވާ ކަމަށާއި، ރައްކާތެރިކަމާއެކު މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ހިތަދޫ ޕޯޓުގެ މާސްޓަރ ޕްލޭން ވެސް މިކަމުގެ މާހިރުންނާއެކު މަޝްވަރާކޮށްގެން ޑިޒައިން ކޮށްފައިވާ ކަމަށާއި، މި ޕޯޓު ޑިޒައިންކޮށްފައިވަނީ ޕޯޓުގެ އެތެރެއަށް ވަދެވޭގޮތަށް ރައްކާތެރި ބަނދަރެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. މިކަމުގެ ޑީޓެއިލް ޑިޒައިން ވެސް އެމްޓީސީސީއާއެކު ހަދަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ދެ ޕޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އަޕްގްރޭޑިން މަސައްކަތަށް ކޮންމެ ޕޯޓަކަށް 100 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ދެ ޕޯޓަށް ޖުމުލަ 200 މިލިއަން ޚަރަދުވާނެ ކަމަަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް