ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓުތަކުގެ ބައެއް ފްލެޓުތަކުން ރެއިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ދުވަސްއެމްވީއަށް މައުލޫމާތު ހިއްސާ ކުރަމުން އެ ފްލެޓުގައި ދިރިއުޅޭ މީހަކު ބުނީ ރޭ 08:45 އިން ފެށިގެން H7-21 ފްލޯ އިން ކަރަންޓް ގޮސްފައިވާ ކަމަށެވެ. އަދި އެޗްޑީސީއަށް އެކަން އަންގާފައިވީ ނަމަވެސް އަދިމިހައިތަނަށް އެޓެންޑުވެފައި ނުވާ ކަމަށެވެ.
"މި ފްލޯގަ ދާއިމީ ބަލިތަކަށް ފަރުވާދޭ މީހުންނާއި އިންޖެކްޝަން ފްރިޖްކޮށް ބޭނުން ކުރަންޖެހޭ ހާލުދެރަ ބަލިމީހުން އެބަތިބި. ކަރަންޓު ނެތީމަ ފްރިޖް ކޮށްފަވާ ހުރިހާ އިންޖެކްޝަން ތަކެއް ވަނީ ހަލާކުވެފަ." ދުވަސްއެމްވީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މިކަމާއިގުޅުގެން ސްޓެލްކޯއަށް ގުޅުމުން އެ ކުންފުނީގެ މީޑިއާ އިން ބުނީ އެ މައްސަލަ ދިމާވެގެން އުޅޭކަން އެނގޭ ކަަމަށާއި ނަމަވެސް އެކަމަށް އެޓެންޑުވާނީ އެޗްޑީސީން ކަމަށެވެ. އަދި އެ ކުންފުނީގެ ދައުރަކީ ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.
އެ ކުންފުނިން ބެލި ބެލުމުން ފާހަގަވެފައިވަނީ އިންޓަރނަލް ވަޔަރިންގ ގެ މައްސަލައެއް ކަމަށާއި އެގޮތުން ކަރަންޓު ދޭ އިރަށް ބްރޭކަރ ވެއްޓޭކަން ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފަ އެެވެ.
އެޗްޑީސީން މިކަމުގައި ބަހެއް ހޯދުމަށް މީޑިއާ އޮފިޝަލަށް ގުޅުމުން ޓެކްސްޓު ކުރުމަށް އެދިފައިވާތީ، ދުވަސްއެމްވީ އިން ފޮނުވި މެސެޖަށް މިހައިތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް