އިންތިގާލީ އިންސާފުގެ އޮފީހަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅުން ހުރި މައްސަލަތައް ކަމަށް އެ އޮފީހުން ބުނެފި އެވެ.
މިދިޔަ ޖޫން މަހުގެ 13 ވަަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާާއި ހަމައަށް މައްސަލަ ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި ފުރުސަތުގައި 487 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެއޮފީހުން މަޢުލޫމާތު ދެއްވައެވެ. ނަމަވެސް ހުށަހަޅާފައި ހުރި މައްސަލަތަކުގެ ތެރެއިން ބަލަން ކަނޑައަޅާފައިވަނީ 449 މައްސަލައެކެވެ.
ހުށަހަޅާފައި ހުރި މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާލާއިރު އެންމެ ގިނައިން އިންސާފު ހޯދުމަށްޓަކައި ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން ބޯހިޔާވަހިކަމާއި ގުޅުންހުރި 172 މައްސަލަ ހުށަހަޅާފައިވެއެވެ. ދެން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ މަސައްކަތް ކުރުމުގެ ހައްޤާ ގުޅޭ މައްސަލަތަކެވެ. އެއީ މަސައްކަތް ކުރުމުގެ ހައްޤާ ގުޅޭ 156 މައްސަލައެވެ.
އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި އަދުލުވެރިކަމާއި އެކު ޝަރީއަތް ކުރުމާ ގުޅޭ 26 މައްސަލައަކާއި ލާއިންސާނީ އަދަބު ނުދިނުމާއި ގުޅޭ 24 މައްސަލަ ހިމެނެއެވެ.
އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްޤު ދިވެހިންނަށް ލިބިދިނުމަށްޓަަކައި މިފަަދަ އޮފީހެއް އުފެއްދުން އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދުފުޅެކެވެ.
ފާއިތުވި އަހަރު ޑިސެމްބަރުގައި އުފެއްދި މިި އޮފިހުގެ މަސައްކަތަކީި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުން ފެށިގެން ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ހަމައަށް ރޭވިގެން ދައުލަތުގެ ވެރިޔަކު ނުވަތަ ދައުލަތުގެ އިދާރާއަކުން މީހެއްގެ އިންސާނީ ހައްޤަކަށް އަރައިގަނެފައިވާނަމަ މައްސަލަ ބަލައި އިންސާފު ހޯދައިދިނުމެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް