ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
"އުޅުމަށް ބަދަލު" ގެ ނަމުގައި ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި ބީއެމްއެލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން 10 ރަށަކަށް މި ފޮތިކޮތަޅުތައް ތަޢާރަފްކުރުމަށް ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ބުނީ މި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީގައި ފޮތި ކޮތަޅުތައް ފެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކޮތަޅުތައް ވިއްކޭނެ ނުވަތަ ހިލޭ ބެހޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމާއި ގުޅިގެން ބީއެމްއެލް އިން ވަނީ ކ. ދިއްފުށި، މާފުށި، ގުރައިދޫ ނ. މާފަރު، ނ. ވެލިދޫ، އައްޑޫ ސިޓީގެ ހިތަދޫ، ދ. ކުޑަހުވަދޫ، އއ. ރަސްދޫ، އުކުޅަސް އަދި ލ.ގަމަށް ކޮންމެ ރަށަކަސް 2 ފަހާފޮށި ހަދިޔާ ކުރުމަށް ވަނީ ނިންމާފަ އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކާއި ބެހޭގޮތުން މީހުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި މިއީ މުސްތަޤުބަލުގައި އަންހެނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވެސް އެ ދިވެހީންގެ ބޭންކުން ބުނެ އެވެ.
ނޯ ޕްލާސްޓިކް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމެވެ.
މިކަމަށްޓަކައި އެ ޖަމިއްޔާއިން ހިންގާ "އުޅުމަށް ބަދަލެއް" ކެންޕެއިންގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް