ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުން

ﷲސުބުޙާނަހޫވަތަޢާލާ އިންސާނުން ޚަލްޤުކުރެއްވުމަށްފަހު އެބައިމީހުން އުޅެންވީގޮތާއި އުޅެގެންނުވާނެގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވެވިއެވެ. އަދި އެބޭކަލުންނަށް ފޮތް...

18 Oct 2021 | 07:07

ﷲސުބުޙާނަހޫވަތަޢާލާ އިންސާނުން ޚަލްޤުކުރެއްވުމަށްފަހު އެބައިމީހުން އުޅެންވީގޮތާއި އުޅެގެންނުވާނެގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވެވިއެވެ. އަދި އެބޭކަލުންނަށް ފޮތްތައް ބާވާލައްވައި، މީސްތަކުންނަށް އެފޮތްތަކުގައިވާ އަމުރުތަކާއި ނަހީތައް ބަޔާންކޮށްދެއްވުމަށް އެންގެވިއެވެ. މިގޮތުގެ މަތީން އަޅުގަނޑުމެންގެ މާތްނަބިއްޔާ محمد صلى الله عليه وسلم މި ފަނާވެދަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައިވަނީ މީސްތަކުންނަށް ހުރިހާކަމެއް ބަޔާންކޮށްދެއްވާފައެވެ. ހެޔޮ ކަމެއްނަމަ އެކަމަކަށް އަމުރުކުރައްވާ އިރުޝާދު ދެއްވާފައެވެ. އަދި ކޮންމެ ނުބައިކަމަކަށްމެ ހުށިޔާރުކުރައްވާ އިންޒާރުދެއްވާފައެވެ.

ދީނުގެތެރެއަށް އިތުރުކުރާ ބިދުޢަތަކަކީ މިގޮތުން އެކަލޭގެފާނު ނިހާޔަތަށް އިންޒާރުކުރައްވާ ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަސްފުޅު ވަޙީކުރައްވާ އަންގަވާފައިވަނީ އިސްލާމްދީން އެ އިލާހު މީސްތަކުންނަށް  ދީނެއްކަމުގައި ރުހިވޮޑިގެންނަވައި އެ ދީން އެބައިމީހުންނަށްޓަކައި ފުރިހަމަކޮށްދެއްވާފަކަމެވެ. قال الله تعالى: ( اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا) المائدة:3. މާނައީ: "މިއަދު ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހުގެ ނިޢުމަތްތަށް ފުރިހަމަކޮށްދެއްވާ އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ރުހިވޮނޑިގެންފީމެވެ. "މިފަދައިން ﷲތަޢާލާ ބަސްފުޅުވަޙީކުރައްވާފައިވާއިރު ދީނުގެ ތެރެއަށް އެކަލޭގެފާނު   صلى الله عليه وسلم  ނުގެންނަވާ ކަމެއް ގެނެސްގަންނަމީހާއަކީ މާތް ނަބިއްޔާ  صلى الله عليه وسلم  ދީން ފުރިހަމައަށް ބަޔާން ނުކޮށްދެއްވާކަމުގައި ބުނެ އެކަމުގެ ތުހުމަތު އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވާމީހެކެވެ. އޭނަގެ ދުލުން މިފަދައިން ނުބުނި ކަމުގައިވީނަމަވެސް އޭނަގެ ޢަމަލުތަކުން މިކަން ދޭހަވެއެވެ. މިފަދަ މީހަކަށް ވުރެ ބޮޑު ބަދުނަޞީބު ވެރިޔަކީ ކާކުތޯއެވެ؟

އިސްލާމީ މުޖުތަމަޢުތަކުގައި ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ މާތްނަބިއްޔާ  محمد صلى الله عليه وسلم އުފަންވެވަޑައިގަތްދުވަހުގެ އިޙްތިފާލަކީ މި ފުރިހަމަވެފައިވާ އިސްލާމްދީނަށް އިތުރު ކުރެވޭ ބިދުޢައެއްކަމާމެދު ޝައްކެތްއޮތްކަމެއްނޫނެވެ. އަދި މިކަމަކީ އެކަލޭގެފާނު ނަހީކުރައްވާފައިވާ ކަންތައްތަކުގެތެރެއަށް ވަންނަކަމެއްކަން ކަށަވަރެވެ. އެހެނީ އެކަލޭގެފާނު  صلى الله عليه وسلم އަމިއްލަފުޅަށް މިދުވަސް، އެކަލޭގެފާނު އުފަންވެވަޑައިގަތީތީވެ ފާހަގަ ކުރައްވާފައެއް ނުވެއެވެ. ހަމަ އެފަދައިން އެބޭކަލުންގެ ޖާނާއި މާލުން އެކަލޭގެފާނަށްޓަކައި ޤުރުބާންވެވަޑައިގެންނެވި މާތްﷲ ރުއްސުންލެއްވި އެކަލޭގެފާނުގެ މިތުރު ސަޙާބީންވެސް އެދުވަސް، އެކަލޭގެފާނު (صلى الله عليه وسلم) ގެ ޙަޔާތްޕުޅުގައި އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގަތުމަށްފަހުވެސް ފާހަގަ ކޮށްފައެއްނުވެއެވެ. ޝައްކެތް ނެތްގޮތުގައި މިއީ ޘަވާބާއި ދަރުމަލިބޭ ހެޔޮ ޢަމަލެއް ކަމުގައިވީނަމަ އެކަލޭގެފާނު  صلى الله عليه وسلم އުއްމަތަށް މިކަމުގެ އިރުޝާދުދެއްވާނެކަން ކަށަވަރެވެ. އަދި އެކަލޭގެފާނު ދެކެ ނިހާޔަތަށް ލޯބިވި ޞަޙާބީން އަޅުގަނޑުމެންނަށްވުރެ އެހެންކަންކަމުގައި ކުރިއަރާދިޔަހެން މިކަމުގައިވެސް ކުރިއަރާ ދިޔައީހެވެ.

ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ: ( قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم) މާނައީ: "ތިޔަބައިމީހުން ﷲތަޢާލާ ދެކެ ލޯބިވާކަމުގައިވާނަމަ ތިމަން ނަބިއްޔާއަށް ތަބަޢަވާށެވެ. އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންނަވާ އަދި ތިޔަބައި މީހުންނަށް ފާފަ ފުއްސަވާދެއްވާނެއެވެ". ކަންމިހެން އޮތްއިރު އަޅުގަނޑުމެންނަށް ﷲ ގެ ރުހިވޮޑިގަތުން ލިބެން އޮތީ އެކަލޭގެފާނަށް(صلى الله عليه وسلم) ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވެގެންނެވެ. އަދި އެކަލޭގެފާނުގެ ޠާހިރު ސުންނަތް އެންމެ ރަގަނޅަށް އޮޅުންފިލި މާތްޞަޙާބީންގެ ފިޔަވަޅުމަތީ ހިނގައިގެންނެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: "إن أصدق الحديث كتاب الله و خير الهدي هدي محمد،وشر الأمور محدثاتها". މާނައީ:  "ހަމަކަށަވަރުން އެންމެ ހެޔޮބަހަކީ ﷲގެ ފޮތުގައިވާ ބަސްފުޅެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ محمحد صلى الله عليه وسلم  ގެ ހަދުޔެވެ(ސުންނަތެވެ). އަދި އެންމެ ނުބައިކަންބޮޑު ކަންތައްތަކަކީ ދީނުގެތެރެއަށް އަލަށްވެއްދޭ ކަންތައްތަކެކެވެ." ޤުރުއާނާއި ޞައްޙަ ޙަދީޘުން ސާބިތުވެފައިވާ މިފަދަ އެތައްދަލީލުތަކަކުން ބަޔާންވެ ހާމަވާ ގޮތުގައި މާތްނަބިއްޔާ صلى الله عليه وسلم އުގައްނާދެއްވާފައިނުވާ (ދީނީ) ކަމެއްކޮށްގެން ޘަވާބާއި ދަރުމަ ނުލިބޭ ޙާލު، އެމީހާގެ މައްޗަށް ޢަޛާބުލިބޭ ކަމެއްކަމުގައި އެކަންވެދެއެވެ. ކަންމިހެން އޮތްއިރު މިފަދަ ބިދުޢަވެރި ދުވަސްތައް ފާހަގަ ކުރަމުންދާމީހުން ﷲއަށް  ބިރުވެތިވެ ތައުބާވާންޖެހެއެވެ.

އެންމެ ފުރަތަމަ މާތް ނަބިއްޔާ صلى الله عليه وسلم ގެ އިޙްތިފާލު ފާހަގަކުރި ބަޔަކީ ފާޠިމީންނޭ ކިޔާ ޝިޔަޢީންގެ ބައެކެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم ޙަބަރުދެއްވާފައިވާ އެންމެ ހެޔޮ ތިން ގަރުނަށް ފަހުގައެވެ. އެއީ ހިޖުރައިން 4 ވަނަ ޤަރުނުގައެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.: " خير أمتي قرني ثم الذين يلونهم،ثم الذين يلونهم" (رواه البخاري-3650) މާނައީ:" ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެ ހެޔޮ ގަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއާއި ޖެހިގެން އޮތް ޤަރުނެވެ، ދެން އެއާއި ޖެހިގެން އޮތް ޤަރުނެވެ." އެހެން ކަމަށްވާނަމަ މި ބިދުޢަ އިސްލާމީ ދުނިޔެއަށް ވުޖޫދުވީ ހެޔޮވެގެންވާ ތިން ޤަރުނުގެ ދުވަސްތަކަށްފަހުގައެވެ. ވުމާއެކު މިފަދަ ކަންތައްތައްކުރުމަށް އެއްވެސްވަރަކަށް ޤުރުއާނާއި ސުންނަތުން އަދި މާތް ސަލަފުއްޞާލިހުންގެ ކިބައިންވެސް ދަލީލެއް ނުލިބެއެވެ.

ކަންމިހެންއޮތްއިރު މުސްލިމުންނަށް ވާޖިބުވެގެންވަނީ މިފަދަ ޢަމަލުތަކުން ދުރުވެ ރައްކާތެރިވެ ތިބުމެވެ. އަދި އެއްމެހާ ބިދުއަތަށް ނައްތާލަން މަސައްކަތްކޮށް، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތް ދިރުވުމަށް އެންމެ އެކީ އަތުކުރިއޮޅާލުމެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރީންވެސް މާތްވެގެންވާ އިސްލާމްދީނުގައި އެކަމުގެ ޙުކުމަކީ ކޮބައިތޯ ބަލާ އޮޅުންފިލުވުމެވެ. އެއީ ސަލާމަތްކަމާއި ދިންނެވުމުގެ އައްސޭރިއަށް ވާޞިލުވުމަށްޓަކައެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަކުރުން ހުއްދަނުވާ ސަބަބުތައް

1 .އެކަމަކީ ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ސާބުތުވެފައިނުވާ އެކަލޭގެފާނުގެ މަތިވެރި ޚަލީފާއިންވެސް ފާހަގަކޮށްފައިވާ ކަމަކަށް ނުވާތީއެވެ. އެހެންކަމަށްވާނަމަ މިއީ ރައްކާތެރިވެ ތިބެންޖެހޭ ބިދުޢައެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "عليكم بسنتي وسنة الخلفاء الراشدين المهديين من بعدي ، تمسكوا بها وعضوا عليها بالنواجذ ، وإياكم ومحدثات الأمور ، فإن كل محدثة بدعة ، وكل بدعة ضلالة" أخرجه أحمد  والترمذي "ތިޔަބައިމީހުންނަށްޓަކައި ތިމަން ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި، ތިމަންކަލޭގެފާނަށްފަހު، ހިދާޔަތް ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ގޮތް ވެއެވެ. އެގޮތްތަކުގައި ކޮލު ދަތުން ބާރަށް ހިފަހައްޓާށެވެ. އަދި ދީނުގެތެރެއަށް ވެއްދޭ އާކަންތައްތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެފަދަ ކޮންމެކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ."

2. ރަސޫލުالله صلى الله عليه وسلم ޢީދު މީލާދު ފާހަގަކުރުމަކީ ނަޞާރާއިންފަދަ ޣައިރު މުސްލިމުންނާއި ވައްތަރުވެވޭކަމެކެވެ. އެހެނީ އެބައިމީހުންނަކީ މިފަދަ ދުވަސްތައް ފާހަގަކުރާ ބައެކެވެ. އަބައިމީހުންނާއި ވައްތަރުވުން އިސްލާމްދީން ނިހާޔަތަށް މަނާކުރެއެވެ. ރަސޫލުالله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ "من تشبه بقوم فهو منهم"  أخرجه أحمد ، وأبو داود. މާނައީ: "ބަޔަކާއި (އެބައިމީހުންގެ އަޅުކަންތަކާއި އެހެނިހެންވެސް ކަންތައްތަކުގައި) ވައްތަރުވެއްޖެ މީހަކީ، ފަހެ އެބައިމީހުންގެތެރެއިން ވާމިހެކެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. "خالفوا المشركين"(مسلم). މާނައީ: "ތިބައިމީހުން މުޝްރިކުންނާއި ޚިލާފުވާށެވެ." ޚާއްސަކޮށް މިއީ ދީނީ ކަމަކަށްވާއިރު މިކަންނަހީވުމުގެ ދަރަޖަ އިތުރުވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

3. ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢައަކާއި އަދި ޣައިރު މުސްލިމުންނާއި އެއްގޮތްވުންކަމުގައި ވުމުގެ އިތުރުން މިފަދަ އިޙްތިފާލްތަކުގެ ޜަރީއާއިން ﷲ ނުރުއްސަވާފަދަ ބޮނޑެތިފާފަތަކާއި ޝިރުކުތަކަށް މަގުފަހިވާތީ މި ދުވަސް ފާހަގަކުރުމަކީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. މިފަދަ ޢަމަލުތަކުގެ ތެރޭގައި ރަސޫލުالله صلى الله عليه وسلم  މަތިވެރި ކުރަމުންގޮސް އިލާހަކަށް ހެދުމާއި އެކަލޭފާނުގެ ކިބައިން ކަންކަމަށް އެދުމާއި ޝިރުކުގެ ލަފްޡުތައް އަމުނާލައިގެން ކިޔޭޅެންތައްފަދަ ޚުދު އެކަލޭފާނު އެކަންކަމުން ދުރުވެތިބުމަށް ޢަމުރުކުރެއްވި ކަންތައްތައް ހިމެނެއެވެ. ރަސޫލުالله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "إياكم والغلو ، فإنما أهلك من كان قبلكم الغلو" أخرجه النسائي.  މާނައީ: "ދީނުގައި ހައްދުފަހަނަޅައިދިއުމުން (މިސާލަކަށް ރަސޫލުالله صلى الله عليه وسلم އިލާހަކަށް ހެދުމާއި އެކަލޭގެފާނުގެ ކިބައިން ބަލިތަކަށް ޝިފާއަށް އެދުން ފަދަ ކަންތައްތަކުން) ރައްކާތެރިވާށެވެ. އެހެނީ ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތައް ހަލާކުވެދިޔައީ ޙައްދުފަހަނަޅައިދިޔުމުގެ ސަބަނުންނެވެ."

ކީރިތި ރަސޫލާ  صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަކުރާ މީހުންގެ ދަލީލުތަކުގައި ބުރަދަނެއް ނެތް

ރަސޫލު الله صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަކުރުމަށް ބާރުއަޅާ އެފަދަ ޢަމަލުތަކަށް ތަރުޙީބުދޭ މީހުން ދައްކާ ވާހަތަކުގައި އެއްވެސް އޮށްޓަރެއް ނެތްކަން ސިކުނޑި ރަގަނޅަށް ހުޅުވައިލައިގެންހުރެ މިފަދަވާހަކަތަކަށް ވިސްނާފިކުރުކުރާ ކޮންމެމީހަކަށް އެނގިބަޔާންވެގެންދާނެއެވެ. މިގޮތުން އެބައިމީހުން ގެންނަ ވާހަކަތަކުގެ ތެރޭގައި:-

1. އެބައިމީހުން މިދުވަސް ފާހަގަކުރަނީ އެކަލޭގެފާނު މަތިވެރިކޮށް މީސްތަކުންގެ ހިތްތަކުގައި އެކަލޭގެފާނަށް ކުރެވޭ ޤަދަރު އިތުރު ކުރުމަށެވެ.

މީގެ ޖަވާބުގައި ދަންނަވަންޖެހެނީ އެކަލޭފާނަށް ޤަދަރުކޮށް މަތިވެރިކުރުމާއި އެކަލޭގެފާނު މާތްކުރުމަކީ ރަބީޢުލްއައްވަލު މަހުގައި އެކަނި ކޮށްފައި ފުއްދާލެވޭނެ ކަމެއްނޫނެވެ. އަދި ޙަޤީޤަތުގައި އެކަލޭގެފާނަށް ޤަދަރުކޮށް މަތިވެރިކުރުމަކީ އެކަލޭގެފާނު ގެނެސްދެއްވި މާތް ސުންނަތަށް ތަބާވެ އެކަލޭގެފާނު އަމުރުކުރެއްވި ކަންތައްތައްކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުވެގަތުމެވެ. އެހެންކަމަށްވާނަމަ އެކަލޭގެފާނުގެ ޢީދުމީލާދު ފާހަގަނުކުރުމީ އެކަލޭގެފާނަށް ޤަދަރުކޮށް މަތިވެރިކުރުމެވެ. އެހެނީ މިކަމަކީ އެކަލޭގެފާނު ނަހީ ކުރައްވާފައިވާ ކަންތައްތަކުގެތެރެއަށް ވަންނަ ކަމެކެވެ. މި ހިސާބުން އެބައިމީހުން ދެން ގެންނާނީ ކޮން ޙުއްޖަތެއްހެއްޔެވެ؟ ވިސްނަވާ މިކަމުން ރައްކާތެރިވާށެވެ.!

2. ވަރަށްގިނަ މުސްލިމު ޤައުމުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޢީދުމިލާދު ފާހަގަ ކުރާކަމީ އެބައިމީހުންގެ ނަޒަރުގައި މީގައި އަސްލެއް އޮތް ކަމުގެ ދަލީލެކެވެ.

މީގެ ޖަވާބުގައި ދަންނަވަންޖެހެނީ ޙުއްޖަތް އަދި ދަލީލަކީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ބަސްފުޅެވެ. ކިތައްމެ ގިނަ ބަޔަކު ކަމެއް ކުރިކަމުގައިވީނަމަވެސް ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ އިރުޝާދުފުޅާ އެކަލޭގެފާނު ޙަދީޘާއި ޙިލާފުވާނަމަ އެއީ ހުއްޖަތަކަށް ނުވަތަ ބުރުހާނަކަށްވެސް ނުބެލެވޭނެއެވެ. މާތް ނަބިއްޔާ ވަނީ ބިދުޢަތަކަށް އިންޒާރުދެއްވާފައެވެ. މި ދުވަސް ފާހަގަ ކުރުމަކީ ބިދުޢަކަށްވުމާއެކު ކިތައްމެ ގިނަބަޔަކު ކުރި ނަމަވެސް އެއީ މިކަން ހުއްދަވުމުގެ ދަލީލެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وإن تطع أكثر من في الأرض يضلوك عن سبيل الله) الأنعام/116 . މާނައީ: "ތިޔަބައިމީހުން ބިންމަތިގައިވާ ގިނަބަޔަކަށް ތަބަޢަވެއްޖެނަމަ، އެމީހުން ތިޔަބައިމީހުން ﷲ ގެ މަގުން އެއްކިބާ ކުރާހުށިކަމެވެ."

3. އެބައިމީހުން މިފަދަ ޙަފްލާތައް ބާއްވަނީ ރަސޫލުالله صلى الله عليه وسلم ގެ ޒިކުރާ އާކުރުމަށް ކަމުގައި އެމީހުން ދެކެއެވެ.

މީގެ ޖަވާބަކީ، މުސްލިމުން އަބަދުވެސް ތިބެނީ އެކަލޭގެފާނުގެ ހަނދާން އާކުރުން މަތީގައެވެ. ބަންގި އަދިވެސް އެކަލެގެފާނުގެ ނަން ޒިކުރުކުރެވޭ ހިނދު "صلى الله عليه وسلم " މިހެން ކިޔުމާއި ވުޟޫކޮށް އަވަދިވެގެންނާއި އެހެނިހެން ގިނަ އަޅުކަންތަކުގައިވެސް އެކަލޭގެފާނަށް ޞަލަވާތައި ސަލާމްލެއްވުން އެދި ދުޢާ ކުރުން ފަދަ ޢަމަލުތަކުގައެވެ. މިކަމަކީ ޚާއްޞަ ދުވަހެއްގައި ކޮށްލައިގެން ފުއްދާލެވޭނެ ކަމެއްނޫނެވެ. އަދި ﷲ ތަޢާލާވަނީ އަކަލޭގެފާނުގެ ޒިކުރު މަތިވެރިކުރައްވާފައެވެ. ވުމާއެކު އެބައިމީހުންގެ މި ޙުއްޖަތްވެސް ބާޠިލުވީއެވެ.

4. ޢީދުމީލާދު ފާހަގަ ކުރަނީ މީސްތަކުންގެ ހިތުގައި ނަބިއްޔާއަށް ދެވިފައިވާ ލޯބި އިތުރުކުރުމަށްކަމަށް ބުނެ އެކަމަކީ މި ދުވަސް ފާހަގަ ކުރުން ހުއްދަކަމުގެ ދަލީލެއްކަމަށް ބުނެއެވެ.

އެއެވެސް ޝައްކެތް ނެތްގޮތުގައި މުއުމިނެއްގެ އީމާންކަން ފުރިހަމަވާނި ރަސޫލުالله صلى الله عليه وسلم ދެކެ އެހެން ހުރިހާ އިންސާނުންނާއި އަދި ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ލޯބިވެވިގެންނެވެ. މި ލޯތްބަކީ ހަމައެކަނި ދުލުން ވަކި ދުވަހެއްގައި އަމުނާލެވޭ ބަސްތަކެއްނޫނެވެ. ނަމަވެސް ޙަޤީޤަތުގައި އެކަލޭގެފާނުދެކެ ލޯބިވުމަކީ އެކަލޭގެފާނަށް ފުރިހަމަ ގޮތުގައި ތަބަޢަވެ އެކަލޭގެފާނު އިންޡާރުކުރައްވާފައިވާ މިފަދަ ބިދުޢަތަކާއި މުންކަރާތްތަކުން ސަލާމަތްވެ އެކަލޭގެފާނު އަމުރުކުރެއްވި ކަންތައްތައް އަދާކުރުންމަތީ ދެމިހުރުމެވެ.

5. އެބައިމީހުން ގެންނަ މިފަދަ ބުރަދަނެއްނެތް ޙުއްޖަތްތަކުގެ ތެރޭގައި މިދުވަސް ފާހަގަކޮށް އެކަލޭގެފާނުގެ ސީރަތުކިޔައި ހެދުމަކީ އެކަލޭގެފާނަށް އިޤްތިދާވުމަށް މީހުންނަށް ލިބިދެނިވި ފުރުޞަތެއްކަމަށް ބުނުން ހިމެނެއެވެ.

ރަސޫލުالله صلى الله عليه وسلم ގެ ސީރަތު ދިރާސާކޮށް ކިޔަވައި އެކަލޭގެފާނަށް އިޤްތިދާވެ ތަބަޢަވުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ތާއަބަދުމެ ވާޖިބުކަމެކެވެ. ނަމަވެސް، މިކަންތައްތައް ވަކި ދުވަހަކަށް ޚާއްސަކުރުމަށްޓަކައި ކިރިތި ޤުރުއާނުން ނުވަތަ މާތް ނަބިއްޔާގެ ޠާހިރު ސުންނަތުން ދަލީލަކަށް ބޭނުންޖެހެއެވެ. މިފަދަ ދަލީލެއް ވާރިދެވަފައި ނެތުމުގެ ސަބަބުން މިކަމަކީ ބިދުޢައެއް ކަމުގައި ހިމެނެއެވެ. އަދި އެއްވެސް މުސްލިމަކަށް ހުއްދަވާނެ ކަމެއްނޫނެވެ.

މިފަދަ އެތައް ޙުއްޖަތްތަކެއް އެބައިމީހުންގެ ނަޒަރުގައި ގެނެއެވެ. ނަމަވެސް މަތީގައި ބަޔާންވެ ފާޅުވެގެންދިޔަފަދައިން އެއީ އެއްވެސް ބުރަދަނެއްހުރި ދަލީލިތަކެއްނޫނެވެ. އެބައިމީހުންގެ ހަވާ ނަފްސަށް ތަބަޢަވެ، ﷲ ލަޢުނެތްލެއްވި ޝައިޠާނާ އެބައިމީހުންނަށް ހުޅުވާދޭ މަގުފުރެދުމުގެ ދޮރުތަކުގެތެރެއިން ދޮރެކެވެ.

އެހެންކަމުން ރަސޫލުالله صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަކުރުމަކީ ދީނުގެތެރެއަށް އަލަށްވެއްދިފައިވާ ބިދުޢައެކެވެ. މިކަމުން ރައްކާތެރިވާންޖެހޭ ކަމެކެވެ. ފަލާޙާއި ކާމިޔާބު ލިބެނިވި ބައެއް ކަމުގައި ވުމަށްޓަކައެވެ.

މައުލޫމާތު: ނޫރުލްއިސްލާމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް