އެޑިޔުކޭޝަން މިނިސްޓަރގެ އިލްތިމާސަކީ އެންމެ ހުނަރުވެރި ކުދިން މުދައްރިސުންނަށްވުން

އެންމެ ހުނަރުވެރި ދަރިވަރުން މުދައްރިސުންނަށް ވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރ މި ކަމަަށް އިލްތިމާސްކުރެއްވީ 2019 ވަނަ އަހަރުގެ އޭލެވެލް އިމްތ...

18 Oct 2021 | 06:11

އެންމެ ހުނަރުވެރި ދަރިވަރުން މުދައްރިސުންނަށް ވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ މި ކަމަަށް އިލްތިމާސްކުރެއްވީ 2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއަށްދާނީ ހުނަރުވެރި މުދައްރިސުންތަކެއް ބިނާކުރެވިގެންކަމަށެވެ. އަދި އެއަށް ފަހު މިނިސްޓަރ ވަނީ އެންމެ ކާމިޔާބު ކުދިންކަމަށް ވެފައިވަނީ، އެ ކުދީން ހޯދި ޢިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ޤައުމަށް ފޯރުކޮށްދޭ ކުދިންކަން ފާހަގަކުރައްވާފައެވެ.

ޑރ. އައިޝަތު ޢަލީވިދާޅުވީ އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާޚިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއްކަމަށެވެ. އަދި އެއީ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ޚިދުމަތްކަން އެ ކަމަނާ ފާހަގަކުރެއްވެވިއެވެ. މިނިސްޓަރ ވަނީ އެހެންކަމުން އެންމެ ހުނަރުވެރި ކުދިން ޓީޗަރުންގެ ގޮތުގައި ފެންނަން އެދޭ ކަމަށް ވިދާޅުވެފައެވެ،

މީގެ އިތުރުން، ތަމްރީނުން ނުކުންނަ މުދައްރިސުންގެ ފެންވަރު އެންމެ ބޮޑަށް ބިނާވާނީ ކޯހަށް ވަންނަ ދަރިވަރުންގެ ފެންވަރުގެ މައްޗަށް ކަމަށާއި މޮޅެތި މުދައްރިސުން ތަޢުލީމީ ނިޒާމަށް ވަނުމަކީ، މޮޅެތި ދަރިވަރުން މުސްތަޤްބަލްގައި މަދަރުސާތަކުން ތަރުބިއްޔަތު ކުރެވޭނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤައުމުދެކެ ލޯބިވާ، ތަޢުލީމަށް ލޯބިކުރާ އެތައްބޭފުޅުންނެއް މިރޭ މިސްކޫލްގައި، މި ޖަލްސާގައި ތިބޭނެ. މިހުރިހާ ބޭފުޅުންގެ އެދުމަކަށްވާނީ، އަހަރަކަށް ވުރެ އަހަރެއް، ތަޢުލީމީ ގޮތުން ދިވެހިރާއްޖެ ކުރިއަށް ދިއުން. މި މަޤްޞަދު ޙާޞިލްކުރުމަށް ކުރެވޭނޭ އެންމެ މުހިއްމުކަމަކީ، ހުނަރުވެރި މުދައްރިސުން ތަމްރީނުކުރުން." ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މީގެކުރިން ރަން ވަނަތައް ހާސިލްކޮށްފައިވާ ދަރިވަރުންގެ ހަޔާތަށް ބަލާއިރު އެންމެ ބޮޑު އަސަރެއް މުޖުތަމަޢުއަށް ގެނެސްފައިވަނީ ހަމައެކަނި ތަޢުލީމީގޮތުން މޮޅު ކުދީން ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އެންމެ ކާމިޔާބު ކުދީންކަމަށް ވެފައިވަނީ، އެ ކުދީން ހޯދި ޢިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ޤައުމަށް ފޯރުކޮށްދިނުމުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތާޖުއްދީން ސްކޫލްގައި ބޭއްވި ރަސްމިޔާތުގައި ވަނީ މި ކުދިންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު 219 ދަރިވަރުންނާއި މުޅި ދުނިޔެއިން 1 ވަނަ ހާސިލް ކުރި ދަރިވަރުންގެ އިތުރަށް ވަކި ވަކި މާއްދާތަކުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދީފައިވެއެވެ. މި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދަޢުލަތުގެ އެކި ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ. މީގެއިތުރަށް މި ހަފްލާގައި ވަނީ މަތީ ޘާނަވީ ނިންމާ އިމްތިޙާނުން ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ފުރަތަމަ ފަހަރަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް