އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މުވައްޒަފުންގެ ޕެޓިޝަން އެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ހުށައަޅައިފި އެވެ.
މި ޕެޓިޝަނަކީ އެއާޓްރެފިކް ސާވިސެސްގައި މުވައްޒަފުންނަށް ހުރި ގޮންޖެހުންތައް އެކި ފަހަރުގެ މަތިން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހިއްސާކުރުމުން ވެސް ހައްލުވެފައި ނުވާތީ އެކަންކަން ހައްލުކޮށްދިނުމަށް އެދި ހުށައެޅި ޕެޓިޝަނެކެވެ،
އެގޮތުން، ފާއިތުވެދިޔަ 03 (ތިނެއް) އަހަރު ތެރޭގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް
ސިވިލް އޭވިއޭޝަނާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ
ހުރި ކަންބޮޑުވުންތައް، އެ މުއައްސަސާތަކުގެ ވެރިންގެ ސަމާލުކަމަށް ގެނެސް، އެކަންކަން ޙައްލު ކޮށްދިނުމަށް އެދިފައިވާނެ ކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.
ޕެޓިޝަންގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:
1. އޭ.ޓީ.ސީ މުވައްޒަފުންނަށް މަޤާމާއި މުސާރައިގެ ކުރިއެރުން ލިބޭނެ ރަނގަޅު އޮނިގަނޑެއް މިހާތަނަށް ހެދިފައި ނުވާތީ، މަޤާމާއި
މުސާރައިގެ ކުރިއެރުން ލިބިދެވޭނެ ހަރުދަނާ އޮނިގަނޑެއް އެކުލަވައިލަދިނުމަށް އެދިފައިވާނެއެވެ. އަދި، މިކަމާ ގުޅިގެން ކުރެވުނު
މަސައްކަތުގެ ތެރެއިން، 2019 ވަނަ އަހަރު އެމް.އޭ.ސީ.އެލްގައި އެވަގުތު ހުންނެވި އެކްޓިންގ އެމް.ޑީ މޫސާ ޞާލިޙުގެ އެދިލެއްވުމުގެ
މަތިން އެމް.އޭ.ސީ.އެލްގެ އެޗް.އާރު އަދި އޭ.ޓީ.ސީގެ މެނޭޖުމަންޓުގެ ބައިވެރިވުމާއިއެކު، މުސާރައިގެ އޮނިގަނޑެއް އެކުލަވާލެވުނެވެ.
އެހެންނަމަވެސް، މި އޮނިގަނޑު ފާސްކޮށްދިނުން އެދި ރައީސް އޮފީހަށް ފޮނުވާފައި ވަނިކޮށް، ކޯވިޑް-19 ޕެންޑެމިކާއި ވިދިގެން
މިކަމުގެ ކަންކަން ވަގުތީ ގޮތުން މަޑުޖައްސާލެވުނެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް މި އޮނިގަނޑުގެ މަސައްކަތް ކުރިއަށް
ގެންދެވިފައި ނުވުން.
2. އޭ.ޓީ.ސީ މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި ހަރުދަނާ އުޞޫލުތަކެއް ޤާއިމްކުރެވިފައި ނުވާތީ، ގިނަ މުވައްޒަފުންތަކަކަށް ލިބެންޖެހޭ ތަމްރީނުތައް ލިބިފައިނުވުން.
3. އެއާޓްރެފިކް ސެކްޓަރގެ ކެޕޭސިޓީ ބެލިފައި ނުވުމުގެ އިތުރުން، މިކަމަށް އެދެވިގެންވާ ޙައްލެއް ހޯދިފައިނުވުން.
4. ޖަސްޓް ކަލްޗާރގެ ސަބަބުން ސޭފްޓީއާއި ގުޅުންހުރި ޝަކުވާތައް ނުވަތަ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރަން ކޮންޓްރޯލަރުން ޖެހިލުންވުން. މީގެއިތުރުން، ސޭފްޓީ ރިޕޯރޓިންގް ސިސްޓަމެއް ޤާއިމްވެފައި އޮތުމުގެ މުހިއްމުކަން.
5. ކޮންޓްރޯވަރެއްގެ ބަލި ޙާލަތު ނިޔާކުރާ ގޮތަކުން ލައިސަންސް ދޫކޮށްލަން ޖެހިއްޖެ ހިނދެއްގައި ވަޒީފާގައި ދެމިހުރެވޭނެ އެހެން މަގެއް ކަނޑައެޅިފައި ނުވުން.
6. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ދައުލަތުގެ އިދާރާތަކުގައި އޭޓީސީ ކޮންޓްރޯލަރު (މި މަޤާމު ވަޒީފާ)
ގިންތިކުރެވިފައިވަނީ ޕައިލެޓުން، އިންޖިނިއަރުން، ސީމަނުން، ޑަކްޓަރުން އަދި މިފަދަ އެހެނިހެން ޕްރޮފެޝަން ތަކާއި އެއް ގިންތިއެއްގައިކަމަށް ވީނަމަވެސް، މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި އެ ޕްރޮފެޝަންތަކާއި އެއްހަމައަކުން އޭ.ޓީ.ސީއަށް
ޢަމަލުނުކުރުން.
7. މަތީ ތަޢުލީމު ޙާސިލްކޮށްފައިވާ މުވައްޒަފުން އަދި އޭ.ޓީ.ސީގެ ތަޖުރިބާ ލިބިފައިތިބި މުވައްޒަފުން ކުންފުނީގައި ރިޓެއިންކުރެވޭނެ ހަރުދަނާ ޕޮލިސީއެއް ނުވަތަ ޕެކޭޖެއް ހެދިފައިނުވުން.
8. ޤާނޫނީ ގޮތުން އިހްތިޖާޖް ކުރިކަމުގައިވީނަމަވެސް މަސައްކަތް ހުއްޓާލުމުގެ ހައްޤު ލިބިގެން ނުވާ ގިންތީގައި އޭ.ޓީ.ސީ އޮފިސަރުން ހިމެނިފައިވާހިނދު، އެފަދަ އެހެން މުއައްސަސާގެ މުވައްޒަފުން ރިޓަޔަރ ކުރުމުން އެމުވައްޒަފުންނަށް ޢިނާޔަތް ލިބޭ އުސޫލުން އޭ.ޓީ.ސީ
އޮފިސަރުން ގިނަދުވަހު ޚިދުމަތް ކުރުމަށްފަހު ރިޓަޔަރ ކުރުމުން ޢިނާޔަތް | ރިޓަޔަރމަންޓް ބެނިފިޓް ލިބޭނެ އުސޫލުތައް ޤާއިމް
ކުރުން.
މި ޕެޓީޝަންގައި މިހާތަނަށް ސޮއިކުރީ އެ ދާއިރާގައި ހަރަކާތްތެރިވާ 80 އިންސައްތަ މުވައްޒަފުންނެވެ. އެއީ ޖުމުލަ 50 މީހުންނެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ 90 އިންސައްތަ މުވައްޒަފުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް