ސުކޫލްތަކުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓިޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަން ކަމާއި އަދި މިއީ އަވަސް މުސްތަޤުބަލެއްގައި ހައްލެއް ހޯދަންޖެހޭ ކަމެއްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފަވަނީ 2019 ވަނަ އަހަރުގެ އޭލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަ ކުރެއްވިގޮތުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިވަގުތު ބިދޭސީ ޓީޗަރުންގެ ގޮތުގައި 1،730 ޓީޗަރުން މަސައްކަތް ކުރެއެވެ. އަދި ވަގުތީ ޓީޗަރުންގެ ގޮތުގައި 891 ޓީޗަރުން މަސައްކަތް ކުރެއެވެ. ދާއިމީ ޓީޗަރުންގެ ގޮތުގައި 6،498 ދިވެހި ޓީޗަރުން މަސައްކަތް ކުރެއެވެ.
ރައީސް ވިދާޅުވިގޮތުގައި މި އަދަދު ތަަކަށް ބަލާލާނަމަ ފެނިގެން ދަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ދުވަހެއް ދުވަހަކަށް ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުންގެ އަދަދު އިތުރު ވަމުންދާ ތަނެވެ.
އެހެންކަމުން މި މައްސަލައަށް އަވަސް މުސްތަޤުބަލެއްގައި ހައްލެއް ނުހޯދައިފިނަމަ ތަޢުލީމީ ދާޢިރާއަށް ބޭނުންވާ މަންހަޖު ތަރައްޤީކުރާނެ މީހުނާއި، މުދައްރިސުންނާއި ޕްރިންސިޕަލުން ރާއްޖެއިން ނުލިބިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ ކުރިމަގުގެ ޖީލަކީ ފަންނީ ގޮތުންނާއި ޢިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުން ބޭނުންވާފަދަ އުފެއްދުންތެރި ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ/
ރައީސް އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ދިވެހިން އިތުރުކުރުމަކީ، އިސްލާމީ އަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް މުޖުތަމަޢުއަށް ނެރެ، އެކަކު އަނެކަަކަށް އަޅައިލާ އެކުވެރިކަމާއި، އޯގާތެރިކަމާއިއެކު، ދިރިއުޅޭ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ވަަރަށް މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް