ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކާމެދު ޢިލްމީ ދިރާސާއެއް ހެއްދެވުމަށް ރައީސް އަށް ލަފާ އަރުއްވައިފި

ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކާއި މެދު ޢިލްމީ ދިރާސާއެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހަށް އެ މަނިކުފާނުގެ އެޑްވައިޒަރު ޑރ. މުސަތަފާ ލަފާ އަރުއްވައިފި އެވެ. ރައީސް...

17 Oct 2021 | 21:52

ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކާއި މެދު ޢިލްމީ ދިރާސާއެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހަށް އެ މަނިކުފާނުގެ އެޑްވައިޒަރު ޑރ. މުސަތަފާ ލަފާ އަރުއްވައިފި އެވެ.

ރައީސް ޞާލިޙް މިރޭ ވަނީ މިކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި، ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި އެބަ މަސައްކަތް ކުރައްވާކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ މި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންކަމަށެވެ. އަދި މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑުކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، އަޅުގަނޑުމެން މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

" ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އަޅުގަނޑުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި. އަޅުގަނޑު ދެންނެވިން މުޞްޠަފާއަށް. މިކަމާ ދޭތެރޭގައި ކޮންމެވެސްކަހަލަ ލިޔުމެއް އަޅުގަނޑަށް ތައްޔާރުކޮށްލައްވަދެއްވާށޭ. އަޅުގަނޑަށް ގެނެސްދެއްވި، 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިޙްތިރާމާއި ޤަދަރާއި، އެ ބަދަލުވުން މިހާތަނަށް އައިގޮތުގެ ވަރަށް ތަފްޞީލީ ކަރުދާހެއް އަޅުގަނޑާ ޙިއްޞާ ކުރެއްވި. ވިދާޅުވި އަދި އޭގެއިތުރަށް މިކަމުގައި ޢިލްމީ ދިރާސާއެއް ކޮށްފައި ނޫނީވިއްޔާ މިއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ނުނިންމަވާށޭ. އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަޞްދު ކުރަނީ ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ، މުޞްޠަފާ އެ ވިދާޅުވިގޮތަށް ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް" ރައީސް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި އެކިއެކި ވަނަވަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ދައުލަތުގެ އިސްވެރިންނެވެ.

2019 ވަނަ އަހަރު 20 ސްކޫލަކުން ޖުމްލަ 216 ދަރިވަރަކު އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުން 43 ދަރިވަރަކާއި މާލޭގެ ސްކޫލްތަކުން 179 ދަރިވަރެކެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 139 އަންހެން ދަރިވަރުންނާއި 77 ފިރިހެން ދަރިވަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް