އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯނު 11 އަދި އައިފޯނު 11 ޕްރޯގެ އިތުރުން އައިފޯން 11 ޕްރޯ މެކްސް އަށް ދިރާގު މެދުވެރިކޮށް ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ފޯނު ދޫކުރަން ފަށައިފިއެވެ.
ފޯނުތައް ދޫކުރަން ފަށާފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރޭ 12:00 ގައި ދިރާގު ހެޑް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ދިރާގުގެ ސީއެފްއޯ ރޮބިން ވޯލް ބައިވެރިވެވަޑައިގެންނެވިއެވެ.
ފޯނުތައް ރޭ ދޫކުރަން ފެށިއިރު ރޭ 10:00 ހާއިރުން ފެށިގެން ފޯނު ހޯދަން ކަސްޓަމަރުން ކިޔު ހަދަމުންދިޔައެވެ.
ދިރާގުން ބުނެފައިވާގޮތުގައި ޕްރީ އޯޑަރކޮށްފައިވާ ފޯނު ބަލާ ހެޑް އޮފީހަށް ނާދެވޭ ކަސްޓަމަރުންނަށް ދިރާގުގެ ސާވިސް ސެންޓަރުތަކުންވެސް ފޯނު ދޫކުރާނެއެވެ. އެގޮތުން އެ ކަސްޓަމަރަކު ބޭނުންވާ ސާވިސް ސެންޓަރެއް ދިރާގަށް އެންގުމުން އެކަން ހަމަޖެހިގެންދާނެ ކަމުގައި ދިރާގުން ބުނެއެވެ.
https://twitter.com/Dhiraagu/status/1184927105865277440
އައު އައިފޯނުގެ ޕްރީ އޯޑަރު ދިރާގުން ނަގަން ފެށި މި މަހުގެ 11 ވަނަ ދުވަހުގައެވެ. ޕްރީ އޯޑަރަށް ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި ސްޓޮކް ހުސްވި ކަމަށް ދިރާގުން ބުނެއެވެ.
ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ފޯނު ދޫކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ރޭގައި ދިރާގުން ބާއްވާފައިވާއިރު ކޮންމެ އަހަރަކުވެސް މިފަދަ ރަސްމިއްޔާތުތައް ދިރާގުން ބާއްވަމުން އަންނަނީ ވަރަށް ކުލަ ގަދަކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް