ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް އަރުވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޓިކެޓް ޕީއެންސީގެ ކޮންގްރެސް ނިންމާލުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިރޭ އަރުވައިފިއެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި އެ...

18 Sep 2026 | 18:16
ޕީއެންސީގެ ރިޔާސީ ޓިކމެޓު ރައީސް މުއިއްޒުއަށް އަރުވަނީ -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ރިޔާސީ ޓިކމެޓު ރައީސް މުއިއްޒުއަށް އަރުވަނީ -- ފޮޓޯ: ޕީއެންސީ

އަންނަ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޓިކެޓް ޕީއެންސީގެ ކޮންގްރެސް ނިންމާލުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިރޭ އަރުވައިފިއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި އެ ޖަލްސާގައި އެމަނިކުފާނަށް ޓިކެޓް އެރުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ރައީސް މުއިއްޒުއަށް ޓިކެޓު ދޭން ފާސް ކުރީ އިއްޔެ ބޭއްވި ކޮންގްރެސް ބައްދަލުވުމުގެ ތެރެއިން 1،119 ވޯޓުންނެވެ.

އެމަނިކުފާނަށް ޓިކެޓު އަރުވަން ޖެހޭ ކަމަށް ހުށަހެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ ޚާއްޞަ މަންދޫބު ޢަބްދުﷲ އިބްރާހީމެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވަނީ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވުމަށްޓަކައި ދެވަނަ ދައުރެއް އެ މަނިކުފާނަށް ޙައްޤު ކަމަށާއި ޕީއެންސީގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން އެކަން ޤަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން މި ފަހަރުގެ ކޮންގްރެސްގައި ޕީއެންސީގެ ލީޑާޝިޕަށް އަލަށް އިންތިޚާބުކުރި މެންބަރުންގެ އިއްތިފާޤުން ވެސް މިއަދު އެ ގަރާރު ފާސްކޮށްފައިވެއެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި އެ ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ކޮންގްރެސް ނުވަތަ މެންބަރުންގެ މަޖިލީހަށް ހުށަހެޅުއްވައިފިނަމަ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ލިބޭނެއެވެ.

މިރޭ ރައީސް މުއިއްޒުއަށް ޓިކެޓު އެރުވި އިރު ރިޔާސީ އިންތިޚާބު އޮންނާނީ އަދި މީގެ ދެ އަހަރު ފަހުން 2028 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް