ޗެމްޕިއަންސް ލީގުގައި ރޭ ވަރުގަދަ ބާސެލޯނާ އާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުގައި، އަނިޔާގައި ހުރުމަށްފަހު މެސީ އެނބުރި އައިސް ކުޅުނު ނަމަވެސް، ބާސެލޯނާއަށް މޮޅެއް ނުހޯދުނުއިރު، އެ ޓީމު ބަލިވިޔަ ނުދީ ސަލާމަތްކޮށްދިނީ ގޯލްކީޕަރ ޓާ ސްޓެގަން އެވެ. ރޭގެ ފޯރިގަދަ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޭގެ މެޗުގެ ވަކި ހިސާބަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާގެ އެންމެ މުހިންމު ތަރި ލިއޮނަލް މެސީ ކުޅެން ނުކުތްއިރު މިއީ މި ސީޒަންގައި އޭނާ ބާސެލޯނާއަށް ކުޅެދިން ފުރަތަމަ މެޗެވެ. އަނިޔާއިން ސަލާމަތްވެގެން އަހިސް މެސީއަށް މާބޮޑު ތަފާތެއް ނުދެއްކުނުއިރު، ރޭގެ މެޗުގައި ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީ މާކޯ ރުއިސް ފޮނުވާލުމުން ޓާ ސްޓެގަން ވަނީ ހުށިޔާރުކަމާއެކު ޕެނަލްޓީ ތިން ދަނޑިން އެތެރެވިޔަ ނުދީ ހިފަހައްޓާ ބާސެލޯނާ ސަލާމަތްކޮށްދީފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ހީކުރިގޮތާ ހިލާފަށް ރަނގަޅަށް އެޓޭކްކޮށް ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ޑޯޓްމަންޑެވެ. އެހެނަސް، ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހިއެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 57 ވަނަ މިނިޓުގައި، ޑޯޓްމަންޑަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޑޯޓްމަންޑަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ ވިދަމުން އަންނަ ޒުވާން ފޯވާޑް ސަންޗޯ އަށް ބާސެލޯނާގެ ޑިފެންޑަރ ނެލްސަން ސެމެޑޫ އޭރިޔާގެ ތެރެއިން ކުރި ފައުލްއަކާ ގުޅިގެންނެވެ. އެހެނަސް، މާކޯ ރުއިސް ފޮނުވާލި ޕެނަލްޓީ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ.
ޕެނަލްޓީގެ ފަހުން ވެސް ޑޯޓްމަންޑުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެ ޓީމުގެ ޖޫލިއަން ބްރެންޓް ފޮނުވާލި ބާރު ބޯޅައެއް މަތީ ދަނޑިއަށް ވެސް އަމާޒުވިއެވެ.
ރޭގެ މެޗުން ހަމަހަމަ ނަތީޖާއެއް ލިބުމަކީ ބާސެލޯނާއަށް ނުރަނގަޅު ނަތީޖާއެއް ނޫނެވެ. މި ގްރޫޕްގައި ދެން އެންމެ ވަރުގަދަވާނެ ކަމަށް ބެލެވޭ އިންޓަ މިލާން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި އެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. އަނެއްކޮޅުން ރޭ ބާސެލޯނާއިން ކުޅުނީ ރަށުން ބޭރުގައެވެ.
ރޭ އިންޓަ މިލާން އާއި ސްލަވިއާ ޕްރަހާ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ސްލަވިއާ އިންނެވެ. އެ ޓީމަށް އޮލަޔިންކާ ލަނޑު ޖަހައިދިންއިރު، އެންމެ ފަހު ވަގުތު އިންޓަ މިލާން ސަލާމަތް ކޮށްދިނީ ބަރެއްލާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް