ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދަރިޔަކު ހޯދާނެ އިރަކަށް އިންތިޒާރުކޮށްގެން ތިބި މީހުން ވަރަށް ގިނައެވެ. ޕްރިޔަންކާ ދަރިއެއް ހޯދަން ބޭނުންވާ ކަމުގެ އިޝާރާތްތަކެއް ވެސް ވަނީ ކޮށްފައެވެ.
"ދަ ސްކައި އިޒް ޕިންކް"ގެ ޕްރިމިއާ ހަފްލާއަށްފަހު ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ، މި ފިލްމުގައި ގިނައީ ކުޑަކުދިން ކަމަށާއި، އޭނާ އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމުގައެވެ. ބޮޑު މީހަކަށްވުރެ ކުޑަ ކުއްޖަކާއި އެކު "ހޭންގްއައުޓް" ކުރަން މާ މަޖާ ކަމަށާއި، މި ފިލްމްގައި މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
މި ވާހަކަތަކަށްފަހު ޕްރިޔަންކާ ދަރިއަކު ހޯދާނީ ކޮންއިރަކުންތޯ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ، އިރާދަކުރެއްވިއްޔާ ހެއްދެވި ފަރާތުން ދަރިއަކު ދޭން ހުރިއްޔާ ވަރަށް އަވަހަށް ހޯދާނެ ކަމަށެވެ.
މިމަހުގެ ކުރީކޮޅު ވެސް ޕްރިޔަންކާ ވަނީ ދަރިއަކު ހޯދުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެފަހަރު ޕްރިޔަންކާ ބުނީ ގެއެއް ގަތުމާއި ދަރިއަކު ހޯދުމަކީ އޭނާގެ "ޓު ޑޫ ލިސްޓް"ގައި ވާ ކަންތައް ކަމުގައެވެ. އަދި އަމިއްލަ އާއިލާއެއް އޮތުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އާއި ނިކް ޖޮނަސް މިދިޔަ އަހަރު ފަހުކޮޅު ކައިވެނިކުރި އިރު، ނިކް ވެސް މީގެ ކުރިން ބުނެފައި ވަނީ ކޮންމެވެސް ދުވަހަކުން ބައްޕައަކަށް ވާން ބޭނުންވާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް