ޗެމްޕިއަންސް ލީގު: ފުރަތަމަ މެޗުން ޗެމްޕިއަން ލިވަޕޫލް ނަޕޯލީ އަތުން ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގައި، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާއި ނަޕޯލީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ނަޕޯލީ ކާމިޔާބު ކޮށްފިއެވެ. ރޭ ނަޕޯލީ ދަނޑުގައި ކުޅުނު މެޗުގައި ފަހު ވަގުތު ...

18 Sep 2019 | 02:38

ޔުއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގައި، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާއި ނަޕޯލީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ނަޕޯލީ ކާމިޔާބު ކޮށްފިއެވެ.

ރޭ ނަޕޯލީ ދަނޑުގައި ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި 2 ލަނޑާއެކު ނަޕޯލީ މޮޅުވިއިރު، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި މި ދެ ޓީމު ނަޕޯލީ ދަނޑުގައި ކުޅުނު މެޗުން ވެސް ނުކުތީ ހަމަ މި ނަތީޖާއެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަކޮޅު މޮޅަށް ކުޅެމުން ދިޔައީ ނަޕޯލީ އެވެ. އެ ޓީމުން މެޗުގެ ކުރީކޮޅު، ފަބިއަން ރުއިޒް ޖެހިޖެހިގެން ފޮނުވާލި ދެ ހަމަލާ ވެސް ލިވަޕޫލްގެ ގޯލްކީޕަރ އެޑްރިއަން ދިފާއު ކުރުމަށްފަހު ދެން ނުކުތް ރިބައުންސް ބޯޅަ ހާވިން ލޮޒާނޯ ބޮލުން ގޯލަށް ވައްދާލި ވެސް މެއެވެ. އެހެނަސް، ވީއޭއާރ ރިވިޔުއަށްފަހު ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ފުރަތަމަ ހާފުގެ ކުޅުން ކުރިއަށް ދިޔަވަރަކަށް ލިވަޕޫލުން މެޗުގެ ތެރެއަށް ވަދެ ނުރައްކާ ކުރަމުން ދިޔައިރު، މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މިދިޔަ ސީޒަންގައި ނަޕޯލީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި އެންމެ ހަމަލާއެއް ވެސް ގޯލަށް އަމާޒުކޮށްނުލެވުނު ލިވަޕޫލަށް ރޭގެ މެޗުން ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލެވުނީ މެޗުގެ 20 ވަނަ މިނިޓުގައެވެ. ސަޑިއޯ މާނޭ ފޮނުވާލި ހަމަލާ ނަޕޯލީގެ ގޯލްކީޕަރ އެލެކްސް މެރެޓް ވަނީ ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، ޖޭމްސް މިލްނާ ނައިދިން ހުރަސް ރޮބާޓޯ ފިރްމީނޯ ބޮލުން ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މިއީ ފިރްމީނޯ ލިވަޕޫލްއަށް ކުޅެދިން 200 ވަނަ މެޗެވެ.

ދެ ވަނަ ހާފު ފެށިގެން ވެސް ރަނގަޅު ހަމަލާއެއް ފުރަތަމަ އުފެއްދީ ނަޕޯލީންނެވެ. ފަބިއަން ނަގައިދިން ހުރަހަކުން މާޓެންސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، ލިވަޕޫލްގެ ގޯލްކީޕަރ އެޑްރިއަން ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ ގޯލަށް ވަނަނުދީ ސަލާމަތް ކޮށްފައެވެ.

ލިވަޕޫލްއިން އިތުރަށް ޕްރެސްކޮށްގެން ކުޅެން ފަށައި ނަޕޯލީއަށް ނުރައްކާކުރިއިރު، ސަލާހް ފޮނުވާލި ހަމަލާއެއް މެރެޓް ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން މާނޭއަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭނުން ހިފޭގޮތެއް ނުވިއެވެ.

ނަޕޯލީން ލީޑު ނެގީ ފަހު ވަގުތު ލިބުނު ޕެނަލްޓީ އަކުންނެވެ. ނަޕޯލީގެ ފޯވާޑް ލިވަޕޫލްގެ ޑިފެންޑަރ ރޮބާޓްސަންގެ ފައިގައި އަޅައިގަނެ އަމިއްލައަށް ޕެނަލްޓީއެއް ހޯދުމަށް ވެއްޓިގަންކަމަށް ރީޕްލޭ އިން ވެސް ފެނުނު ނަމަވެސް ވީއޭއާރް ރިވިޔު އަށްފަހު ވެސް ރެފްރީ ވަނީ ޕެނަލްޓީއެއް ކަމަށް ނިންމާފައެވެ. މި ޕެނަލްޓީ ނަޕޯލީއަށް ކާމިޔާބު ކޮށްދިނީ މާޓެންސް އެވެ.

ޕެނަލްޓީ އިން ލީޑު ނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ލިވަޕޫލްގެ ގަދަފަދަ ޑިފެންޑަރ ވާޖިލް ވެން ޑައިކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލޮރެންޓޭ ވަނީ ނަޕޯލީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ޓޮޓެންހަމް ދޫކޮށް ނަޕޯލީއަށް މިސީޒަންގައި ބަދަލުވި ފަހުން ލޮރެންޓޭ އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް