ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ފަހަރަށް އެއާބަސް އޭ 380 މަރުކާގެ މަތިންދާ ބޯޓެއް ޖައްސައިފި އެވެ.
މި ބޯޓު އާ ރަންވޭއަށް ޖެއްސީ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ބޯޓު ޖެއްސުމުގެ ހުއްދަ ރައީސް އަބްދުﷲ ޔާމީން ދެއްވުމުންނެވެ. ބޯޓުގެ ޕައިލެޓަކަށް ހުރީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ.
މި ބޯޓު ރާއްޖެ އައީ ބަންގްލަދޭޝްގައި ކުރިޔަށް ދިޔަ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ދިވެހި ޓީމު ގޮވައިގެންނެވެ.
އިއްތިހާދު އެއާވޭސް އެ ބޯޓު އާ ރަންވޭއަށް ޖެއްސުމުގެ ކުރިން، އާއްމުންނަށް ދައްކައިލުމުގެ ގޮތުން މާލެ ވަށައިގެން 1،000 ފޫޓު މަތިން ބުރެއް ޖެހި އެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އެ ރަންވޭއަށް ބޯޓު 3:45 ހާއިރު ޖެއްސުމާއެކު އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު އިން ވޯޓާ ސެލިއުޓެއް ނެގި އެވެ.
އެ ބޯޓު ބޯޓު ޖެއްސުމަށް ފަހު ޕެރަޝޫޓާ އެކު އެއާޕޯޓަށް ދިވެހި ސިފައިން ފުންމާލުމުގެ ހަރަކާތެއް ވެސް ބާއްވާނެ އެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިއަށް ގެންދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.
މި ހަރަކާތް ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ސިނަމާލެ ބްރިޖް ކައިރިއަށް އެއްވެފައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް