ރައީސް ޔާމީންގެ އަބުރާއި ބެހުނު ކަމަށް ބުނާ މައްސަލަ ކޯޓުން ބަލައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެތް ކަމަށް ބުނެ އެމްޑީޕީ އާއި އެ ޕާޓީގެ އިސް ދެބޭފުޅަކާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ. ރައީސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގ...

18 Sep 2018 | 10:10

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެތް ކަމަށް ބުނެ އެމްޑީޕީ އާއި އެ ޕާޓީގެ އިސް ދެބޭފުޅަކާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

ރައީސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވީ ކޯޓުން އެ މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސް ޔާމީންގެ އަބުރަށް އަރައިގަތް ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގައި އެދުވަހު ވާހަކަދެއްކެވީ އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފާއި، ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި، އަބުރު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވެ އެވެ. ލިބުނު ގެއްލުންތައް ބެލުމަށްފަހު ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ބްރޯޑްކާސްޓު ކޮށްފައިވާތީ ރާއްޖެ ޓިވީ އާއި ދެކޮޅަށްވެސް އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅާފަ ވެއެވެ. އަދި އިންތިހާބީ ހައްގަށް އަރައިގެންފައިވާ އެ މައްސަލަވެސް ވަކިން ހައިކޯޓަށް ހުށަހަޅާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ރައީސް ޔާމީން އަބުރުގެ ދައުވާ ކުރައްވަން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި އެކަމަކާ ބެހޭ ގޮތުން އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް