ވޯޓު ގުނާގޮތް ބަދަލު ކުރަން އުޅޭ ކަމަށް ބުނެ އެޅުވީ ދޮގު ތުހުމަތެއް: އީސީ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި ވޯޓު ކަރުދާސް ކޮޅު މޮނީޓަރުންނާއި އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެއްކުމެއް ނެތި ގުނަން މަސައްކަތް ކުރަމުންދާ ކަމަަށް...

18 Sep 2018 | 03:30

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި ވޯޓު ކަރުދާސް ކޮޅު މޮނީޓަރުންނާއި އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެއްކުމެއް ނެތި ގުނަން މަސައްކަތް ކުރަމުންދާ ކަމަަށް ބުނެ ދެއްކީ ދޮގު ވާހަކަތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިބޫ އިއްޔެ މ. ދިއްގަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވަކިވަކިން ވޯޓު ކަރުދާސް ކޮޅު ދެއްކުމުގެ ބަދަލުގައި ވޯޓު ކަރުދާސް ކޮޅުތައް އެއްކޮށްލުމަށް ފަހު އިއުލާން ކުރާނީ ކަމަށާއި ޝަކުވާއެއް އޮވެއްޖެ ނަމަ އެކަން ބަލާނީ އޭގެ ފަހުގައި ކަމަށް އީސީން ބުނަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން އީސީގެ މެންބަރު އަހުމަދު އަކްރަމް މީޑިއާގައި ވިދާޅުވީ ގާނޫނުގައި ވަކި ގޮތަކަށް ވޯޓު ގުނާ ގޮތް ކަނޑައަޅާފައި އޮއްވައި އެއާ ހިލާފަށް ވޯޓު ގުނަން އެ ކޮމިޝަނުގެ ވިސްނުން ނެތް ކަމަށެވެ. އަދި  އިބޫ އެ ހެއްދެވީ ކަނޑައެޅިގެން ބޮޑު އިތުރުފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުުގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން ޝައްކެއް އޮތް ނަމަ، އެކަމެއް އޮތް ގޮތް ސާފުކުރެއްވުމުގެ ފުރުސަތު ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އިބޫ އަށް އޮންނާނެ އެވެ. އެކަމަކު، ކޮމިޝަނުން މައުލޫމާތު ސާފު ނުކުރައްވައި އާއްމުންނަށް އޮޅުން އަރާ ގޮތަށް ވާހަކަދެއްކެވުމަކީ ރައްޔިތުންގެ މެދުގައި އިންތިހާބާއި މެދު ޝައްކު އުފެއްދެވުމަށްކުރެއްވި ކަމެއް ކަމަށެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ގުނާއިރު ކަރުދާސްކޮޅު މޮނީޓަރުންނާއި އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ދެއްކުމުގެ އިތުރުން ބާތިލް ނަމަ އޭގެ ސަބަބުވެސް ބުނެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް