ބްރޯޑްކޮމް ތެރޭގައި މިއަދު ޝަހީބު ރަހީނުކުރި ކަމަށްބުނާ މައްސަލައެއް ޕޮލިހަށް !

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފީސް ތެރޭގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ރަހީނުކުރި ކަމަށްބުނާ މައްސަލައެއް އޭނާ ޕޮލިހަށް ހުށަހަޅުއްވައިފިއެވެ. މިހާރު ނޫހަށް ދެއްވާފައިވާ އިނ...

17 Sep 2018 | 20:36

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފީސް ތެރޭގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ރަހީނުކުރި ކަމަށްބުނާ މައްސަލައެއް އޭނާ ޕޮލިހަށް ހުށަހަޅުއްވައިފިއެވެ.

މިހާރު ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ޝަހީބު ވިދާޅުވެފައިވަނީ އޭނާ ރަހީނުކޮށް މަގާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުވާފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ކަމަށެވެ.

ޝަހީބު ވިދާޅުވެފައިވަނީ މިއަދު ހެނދުނު އެ ކޮމިޝަނުގައި އޮތް މީޓިން އަކަށް މީޓިން ރޫމްގައި އިންނަވަނިކޮށް ސޮފްވާން ގުޅުއްވައި އޭނާގެ އޮފީސް ކޮޓަރިއަށް ދިއުމަށް އެދުނު ކަމަށާއި ދިޔައިރު ބޯދިގުކޮށް ހުރި ފިރިހެނަކު ސޮފްވާންއާއެކު އެ ކޮޓަރީގައި އިން ކަމަށެވެ. އަދި އޮފީސް ކޮޓަރިއަށް ވަނުމުން ތިން ކަމަކަށް މަޖުބޫރު ކުރިކަމުގައިވެސް ޝަހީބު ވިދާޅުވެފައިވެއެވެ.

އެގޮތުން ޝަހީބު ވިދާޅުވެފައިވަނީ މިވަގުތު ޗުއްޓީއެއް ނެންގެވުމަށާއި، އެކަން ނުކުރެއްވޭނަމަ އިސްތިއުފާ ދެއްވުމަށާއި ނުވަތަ ރައީސްގެ މަސްއޫލިއްޔަތު ކޮމިޝަންގެ ނައިބު ރައީސާއި ހަވާލުކޮށް މެމޯއެއް ނެރުމަށް ސޮފްވާން ޑިމާންޑް ކުރި ކަމަށާއި އަދި އެކަންކަން ނުކުރައްވަނީސް އޮފީސް ކޮޓަރިން ނުދާނެކަމަށް ސޮފްވާން ވިދާޅުވިކަމުގައިވެސް މިހާރަށް ދީފައިވާ އިންޓަވިއުގައި ޝަހީބު ވިދާޅުވެފައިވެއެވެ.

ޝަހީބު ވިދާޅުވެފައިވަނީ އެއިން އެއްވެސް ކަމެއް ކުރެއްވެން ނެތްކަމަށް ތަކުރާރުކޮށް ދެންނެވި ކަމަށާއި ދޮރުން ނިކުންނަން ދިޔައިރު ބޯދިގު މީހާ ދޮރުކައިރީގައި ހުރި ކަމަށެވެ. އަދި އެއީ ބިރުދެއްކުމުގެ އަމަލެއް ކަމުގައިވެސް ޝަހީބު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާގޮތުގައި "ހައިޖެކް ކޮށްގެން" އުޅޭ ވާހަކަ އެ ކޮމިޝަންގެ އަންހެން މެމްބަރަކަށް އެންގި ކަމަށާއި ނަމަވެސް އެ އަންހެން މެމްބަރު އެތަނަށް ވަޑައިނުގަންނަވާ ކަމަށެވެ.

ޝަހީބު އިތުރަށް ވިދާޅުވެފައިވަނީ އޭނާއަށް ކޮޓަރިން ނިކުމެވޭގޮތްވީ 10 ޖެހި ފަހުން ކަމަށާއި ސޮފްވާންގެ އެ އަމަލަކީ އޭނާގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.

މިހާރަށް މައުލޫމާތު ދެއްވަމުން ޝަހީބުގެ އެ ތުހުމަތުތައް ސޮފްވާން ވަނީ ދޮގުކުރައްވާފައެވެ. ސޮފްވާން ވިދާޅުވެފައިވަނީ ޝަހީބަށް ބިރުދައްކައި ރަހީނުކޮށްފައިނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް