ދުބާއީ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލު ކުރުމުން ކަންބޮޑުވުން ފާޅު ކުރިން: ޑރ. ޝާހް

ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ހަވާލު ކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހ...

18 Aug 2020 | 05:12

ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ހަވާލު ކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހު އަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރެކެވެ. އެ ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި އެވެ

މި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑރ. ޝާހު ހިމެނިވަޑައިގެންނަވާ ގޮތަށް އެ ކޮމިޓީގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކޮށްފައި އެވެ. މިކަމާއި ގުޅިގެން ޑރ. ޝާހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހު އޭނާ ސަސްޕެންޑު ކުރައްވާފައިކަން އެސްއެމްއެސްއަކުން އަންގަވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވިދާޅުވީ އޭނާ އަކީ ބިޑް ކޮމެޓީގެ މެމްބަރެއް ކަމަށް ވިޔަސް ދުބާއީ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރަން އެ ކޮމެޓީން ނިންމި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އެކަން ބިޑް ކޮމިޓީގެ ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

އެ ކުންފުނި މެދުވެރިކޮށް ލިބުނު ވެންޓިލޭޓަރުތައް ރަނގަޅު ނޫންކަން އަންގަންޖެހޭ ފަރާތްތަކަށް އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވެންޓިލޭޓަރުތައް ރަނގަޅު ނޫންކަމަށް މައުލޫމާތު އޭނާއަށް ދެއްވީ އައިޖީއެމްއެޗުގެ ކަމާ ބެހޭ ބޭފުޅުން ކަމަށް ވިދާޅުވެފައިވެ އެވެ.

އެކަމަކު ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ދިވެހި ދެ ކުންފުންޏަށް މަސައްކަތް ހަވާލު ކުރުމަށް ނިންމި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ޑރ. ޝަހު ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ދުބާއީ ކުންފުންޏާއި އެ މަސައްކަތް ހަވާު ކުރުމުން އެކަމުގެ ކަންބޮޑުވުން އިސްވެރިންނާއި ހިއްސާ ކުރެއްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް