ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލަން އުޅުނު ޓަގުބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރުން ފުލުހުން މަނާކޮށްފިއެވެ.
"ވަރގޯ 9" ނަމަކަށް ކިއުނު މި ޓަގްބޯޓުގައި ފަޅުވެރިއަކަށް ހެދިގެން އަދީބު އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަތުލައިގަނެފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އަދީބު އަތުލައިގަނެފައި ވަނީ އިންޑިއާގެ ކަސްޓަމްސް އިންނެވެ. އިންޑިއާއިން އަދީބު ހައްޔަރުކޮށްފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް ބުނެފައިވެއެވެ.
އަދީބު ފިލައިގެން ދިއުމަށް މަސައްކަތްކުރި ޓަގްބޯޓުގެ މައްސަލަ ފުލުހުން މިހާރު ބަލަމުން ދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ޓަގްބޯޓަކީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދީބު ހައްޔަރުކުރި އިރު އޭނާގެ އިތުރުން ނުވަ ފަޅުވެރިއަކު އެ ބޯޓުގައި ތިއްބެވެ.
އަދީބު ވަނީ މިމަހުގެ 4 ވަނަ ދުވަހު ރާއްޖެ ގެނެސް، ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކޮށްފަ އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ޖަލުގައި އޮވެ ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް