ޗައިނާގެ ހެބެއި ޕްރޮވިންސްގެ ސިޓީއެއް ކަމުގައިވާ ހަންޑާގެ މަގުތަކުގައި ޓްރެފިކް މޮނީޓަރ ކުރުމަށް ރޮބޮޓު ފުލުހުން ބޭނުން ކުރަން ފަށައިފިއެވެ.
މިކަން ފަށާފައިވަނީ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.
ޗައިނާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޓްރެފިކް މޮނީޓަރ ކުރުމަށް ހަނޑާގައި ތިން ވައްތަރެއްގެ ޓްރެފިކް ރޮބޮޓް ފުލުހުން ބޭނުން ކުރާނެއެވެ.
މި ރޮބޮޓްތަކުގެ ތެރެއިން އެއް ބާވަތަކީ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ހާއްސަ ރޮބަޓެކެވެ. މި ރޮބޮޓްގައި އިންޓެލިޖެންޓް ކެމެރާ ހަރުކޮށްފައިވާއިރު ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތައް ދެނެގަތުމުގެ ގާބިލުކަމާއި އަނގަބަހުން އިންޒާރު ދިނުމުގެ ގާބިލުކަމުގެ އިތުރުން ދިމާވާ ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ފޮޓޯ ނެގުމުގެ ގާބިލުކަންވެސް މި ރޮބޮޓްތަކަށް ލިބިފައިވެއެވެ.
ދެވަނަ ބާވަތުގެ ރޮބޮޓަކީ ކަސްޓަމަރ ސާވިސް އަށް ހާއްސަ ރޮބަޓެކެވެ. މައުލޫމާތު ދިނުމާއި ސުވާލުތަކަށް ޖަވާބުދާރީ ވުމުގެ ގާބިލުކަމާއި ވެހިކަލް ރަޖިސްޓްރޭޝަންގެ މައްސަލަތައް ދެނެގަތުމުގެ ގާބިލުކަން ރޮބޮޓަށް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ތިންވަނަ ބާވަތުގެ ރޮބޮޓަކީ އެކްސިޑެންޓްތައް ހިނގުމުން އެ ސަރަހައްދު މޮނީޓަރ ކޮށް އެ ސަރަހައްދުން ދަތުރުކުރާ އެހެން ވެހިކަލްތަކަށް އިރުޝާދުދިނުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓެކެވެ.
މި ރޮބޮޓްތަކުގައި ބޭނުންކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީއެވެ. ރޮބޮޓްތައް ގުޅާލާފައިވަނީ ކްލައުޑް ކޮމްޕިއުޓިންނާއި ލޭޒަރ ބޭސްޑް ނެވިގޭޝަން ސިސްޓަމަކުން ކަމުގައިވެސް ބުނެފައިވެއެވެ. މި ރޮބޮޓްތައް ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު ހަންޑާގެ މަގުތަކުގައި ހަރަކާތްތެރިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް