މިދިޔަ ހަފްތާގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ސްޓިކާ ޖަހާފައިވާ މިންވަރު ބޮޑުތަނުން މަދުވެއްޖެއެވެ.
ފުލުހުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ 10 އިން 16 ވަނަ ދުވަހަށް ނުޤަވާއިދުން ޕާކްކޮށްގެން ސްޓިކާ ޖަހާފައި ވަނީ އެންމެ 44 އުޅަނދެއްގައެވެ. އެއީ މިދިޔަ ހަފްތާ އާއި އަޅާ ބަލާއިރު 90 އިންސައްތައިގެ މަދުމިނެކެވެ. އޭގެ ކުރީ ހަފްތާ ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ސްޓީކާ ޖަހާފައި ވަނީ 473 އުޅަނދުގައެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
މަޖިލީހަށް ސުވާލުކުރުމަށް ހާޒިރުކުރުމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވަނީ ސްޓިކާ ޖަހަނީ ޤަވާއިދާ ޚިހާލަށް ޕާކުކުރާ އުޅަނދުތަކުގައި ކަމަށެވެ. ހިތުހުރިގޮތަކަށް ޕާކް ކުރާތީ ރާއްޔިތުންނަށް ވަރަށް އުނދަގޫވާ ކަމަށާއި، ޖާގަ ހުއްޓަސް ގިނަ މީހުން ޕާކު ކުރަން ބޭނުންވަނީ ދާ ތަނެއްގެ ކުރިމަތީގައި ކަމަށެވެ. އަދި ރައްޔިތުންގެ އާންމު މަސްލަހަތު އޮތް މިފަދަ ކަމެއްގައި ފިޔަވަޅު ނާޅައިފިނަމަ ގެއްލުން ވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮންމެ ހަފްތާއެއްގައި އެތައް ސަތޭކަ އުޅަނދެއްގައި ސްޓިކާ ޖަހާއިރު، މިދިޔަ ހަފްތާ ސަތޭކައިން ދަށް އަދަދަކަށް ސްޓިކާ ޖަހާފައި ވަނީ ޢީދު ޗުއްޓީތެރެ ވީމައެވެ. ގިނަ ބަޔަކު ޗުއްޓީއަށް މާލެއިން ބޭރަށް ދިޔައީ ސައިކަލުތައް ހިފައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް