އާސެނަލް އާއި ލިވަޕޫލް އަށް ހަނިމޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް ކުޅުނު މެޗުތަކުން ދެ ޓީމު ވެސް ހަނިގޮތަކަށް މޮޅުވެއްޖެއެވެ. ބާންލީ އަތުން އާސެނަލް 2-1 އިން މޮޅުވިއިރު، ސައުތުހެމްޓަން އަތުން ލިވަޕޫލް މޮޅުވީ ވެސް...

18 Aug 2019 | 06:12

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް ކުޅުނު މެޗުތަކުން ދެ ޓީމު ވެސް ހަނިގޮތަކަށް މޮޅުވެއްޖެއެވެ. ބާންލީ އަތުން އާސެނަލް 2-1 އިން މޮޅުވިއިރު، ސައުތުހެމްޓަން އަތުން ލިވަޕޫލް މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.

ކުޅުނު ދެ މެޗުން ވެސް އާސެނަލް އާއި ލިވަޕޫލް މޮޅުވެފައިވާއިރު، މިވަގުތު ތާވަލުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ލަނޑުގެ ތަފާތުންނެވެ.

ރޭގެ އާސެނަލް ކުޅުނު މެޗުގެ 13 ވަނަ މިނިޓުގައި އެލެކްޒެންޑާ ލަކަޒޭ ޖަހައިދިން ލަނޑާއެކު އާސެނަލުން ލީޑު ނެގި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭޝްލީ ބާންސް ޖެހި ލަނޑުން ބާންލީ ނަތީޖާ ހަމަހަމަކޮށްލިއެވެ.

އާސެނަލްއަށް 3 ޕޮއިންޓް ކަށަވަރު ކޮށްދިނީ ދެ ވަނަ ހާފުގައި ޕިއެރޭ އެމްރިކް އޯބަމަޔަން އެވެ. އޯބަމަޔަން ވަނީ ފާއިތުވި ހަފުތާގައި، ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން ނިއުކާސަލް އަތުން މޮޅުވި ލަނޑު ވެސް ޖަހާފައެވެ.

ރޭގެ މެޗުގައި، މި ސީޒަންގައި ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑް ދޫކޮށް އާސެނަލްއާ ގުޅިފައިވާ ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ސަބަޔޯސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އާސެނަލް އިން ޖެހި ދެ ލަނޑުގައި ވެސް އެސިސްޓް ހެދީ އޭނާއެވެ.

ރޭ ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުން ދަށް ކުޅުމަކުން ފަށައި، ސައުތުހެމްޓަން އިން ލިވަޕޫލްއަށް ނުރައްކާ ކުރި ނަމަވެސް، ފުރަތަމަ ހާފުގައި ސަޑިއޯ މާނޭ އަދި ދެ ވަނަ ހާފުގައި ރޮބާޓޯ ފިރްމީނޯ ޖެހި ލަނޑުތަކުން ލިވަޕޫލް 3 ޕޮއިންޓް ކަށަވަރު ކުރިއެވެ.

ސައުތުހެމްޓަންގެ ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމަށް ޖަހައިދިނީ ޑެނީ އިންގްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް