ކުޑަކުދިންގެ ޢަދުލުގެ ބިލު ސަރުކާރުން މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ކުޑަކުދިންގެ ޢަދުލުގެ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޚާއްޞަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ޙައްޤު ބަޔަކަށްވާއިރު، ކުޑަކުދިންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކުރުމުގައި ގެންގުޅެންޖެހޭނެ ޚާއްޞަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެނިވަޑައިގަންނަވާތީ ކަމުގައެވެ.
މި ބިލު ޤާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަޙައްދީ ޑިވިޜަންތައް ޤާއިމުކުރެވިގެން ދާނެކަމަށް ވެސް ބުންޏެވެ.
ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ ޢުމުރުން 15 އަހަރު ކަމުގައި މި ބިލު ޤާނޫނަކަށް ވެއްޖެނަމަ ކަނޑައެޅޭނެއެވެ. މީގެ އިތުރުން، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޤައުމުތަކުގައި ކަނޑައަޅާފައިވާ ޢުމުރަށް ރިޢާޔަތްކޮށްފަވެ.
ރައީސް އޮފީހުން ބުނީ، ދާޚިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް މި ބިލުގެ ދަށުން ކަނޑައެޅިގެން ދާނެއެވެ.
މީގެ އިތުރުން، މި ބިލު ޤާނޫނަކަށްވެ، ޢަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ލާޒިމްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް