ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސުން ބުނެފައިވާގޮތުގައި އިއްޔެ އިންޑިއާގެ ޓްރިވެންޑްރަމްއިން އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން ދެ ބާވަތެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
"މިތަކެތި ފުރަތަމަ މަރުހަލާގެ ތަޙުލީލުން ވަނީ މަސްތުވާތަކެތީގެ ދެ ބާވަތެއްކަމަށްވާ ހެރޮއިން އަދި ކޮކެއިންއަށް ޕޮޒިޓިވް ވެފައެވެ." ކަސްޓަމްސުން ބުނެފައިވެއެވެ.
ކަސްޓަމްސުން ބުނެފައިވާގޮތުގައި އޭގައި ހިމެނެނީ 0.333 ކިލޯގެ ކޮކެއިން އާއި 1.095 ކިލޯގެ ހެރޮއިން އެވެ.
އިތުރަށް ބުނެފައިވާގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.43 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.93މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު، އެފަރާތުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުން ކަމުގައިވެސް ކަސްޓަމްސުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް