ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވާލުމުގެ ބިލު ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު އެކުލަވާލައިފައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް ލިބިދޭ ފަދަގޮތަކަށް ނުވާތީކަމުގައެވެ. އެ މުއާހަދާގައިވާ ފަދައިން، ކުޑަކުދިންނަށް ލިބެންޖެހޭ ޙައްޤުތައް، ދިވެހިރާއްޖޭގައި ތަންފީޛުކުރުމަށްޓަކައި އެކުދިންނަށް ލިބެންޖެހޭ އެންމެހާ ޙައްޤުތައް މި ބިލުގައި ވަނީ ހިމަނާފައެވެ.
"ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، އަޅާލުމާއި ޙިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ޙައްޤާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ޙައްޤާއި، ދުޅަހެޔޮ ޞިއްޙަތާއި ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމުގެ ޙައްޤު ފަދަ ޙައްޤުތައް ހިމެނިފައިވެއެވެ." ރައީސް އޮފީހުން ބުންޏެވެ.
މި ބިލު ޤާނޫނަކަށް ވުމުން، 18 އަހަރުން ދަށުގެ ކުދިން ކައިވެނިކުރުން މަނާކުރެއެވެ. އަދި 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް މަރުގެ އަދަބު ދިނުން މި ޤާނޫނުގެ ދަށުން މަނާވާނެ ކަމަށާއި، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި މި ޤާނޫނުގެ ދަށުން ކަނޑައެޅިގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޢުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދަޢުވާއެއް މިޤާނޫނަށް އަމަލުކުރަން ފެށުމުން ނުއުފުލޭނެ ކަމަށް މި ބިލުގައި ވެއެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބިކުދިންނަށް އޯލްޓަރނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ ޢަދަދަކަށް ޤާއިމްކުރަންވާނެކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން މި ބިލުގައި ކަނޑައަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް