ސްޕެނިޝް ލީގުގެ އައު ސީޒަންގައި ރޭ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން ސެލްޓަ ވިގޯ އަތުން 3-1 ގެ ނަތީޖާއިން މޮޅުވެއްޖެއެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ރެއާލްގެ މެދުތެރެއަށް ކުޅޭ ލޫކާ މޮޑްރިޗަށް ސީދާ ރަތްކާޑެއް ދެއްކުމުން، އެ ޓީމުން ފަހު ހާފުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުރި ބޮޑު ޚަރަދާއެކު ވެސް، ޕްރި-ސީޒަންގައި ދަށް ނަތީޖާތަކެއް ނެރުމުން ފާޑުކިޔުންތަކާ ކުރިމަތިވެފައި އޮތް ރެއާލް މެޑްރިޑުން ރޭގެ މެޗު ފެށީ އަނިޔާގައި ހުރި އެޑެން ހަޒާޑް ނުލައެވެ. ޓީމާ ބޮޑު އަގުގައި އަލަށް ގުޅުނު ހަޒާޑްގެ ބަދަލުގައި ރޭ ކުޅެން އެރީ ވޭލްސްގެ ގެރެތު ބޭލް އެވެ. ރެއާލްގެ ކޯޗު ޒިދާން އަލުން ބޭލްއަށް ފުރުސަތު ދީފައިވާއިރު، ބޭލް އަކީ ރެއާލްއިން މި ޓްރާންފާ ވިންޑޯގައި ވިއްކާލަން އެންމެ ބޮޑަށް މަސައްކަތްކުރި ކުޅުންތެރިޔާއެވެ. އެހެނަސް، ޒިދާން މިހާރު ބުނެފައިވަނީ ބޭލް ޓީމުގައި މަޑުކުރާނެ ކަމަށެވެ.
ބޭލްއަށް ދިން ފުރުސަތުގެ ބޭނުން ހިފައި ރޭގެ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ރެއާލްއިން މެޗުގެ 12 ވަނަ މިނިޓުގައި ކަރީމް ބެންޒެމާ ޖެހި ލަނޑާއެކު ލީޑު ނެގިއިރު، އެ ލަނޑު ޖަހަން މަގުފަހިކޮށްދިނީ ބޭލްގެ މޮޅު ކޮއްޓާ ނެއްޓުމާއި، ދިން މޮޅު ޕާހެވެ.
ލަނޑަށް ފަހު ވެސް ރެއާލްއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަމުން ދިޔަ ނަމަވެސް، ސެލްޓަ އިން ވެސް ދިޔައީ މެޗުގެ ތެރެއަށް ވަދެ، ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރެއާލްގެ ރައިޓް ބެކް އޮޑްރިއޮޒޯލާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސެލްޓައިން ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑު ޖެހި ވެސްމެއެވެ. އެހެނަސް، ވީއޭއާރ ރިވިޔުއަށް ފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ދެ ވަނަ ހާފު ފެށިގެން މާކަ ގިނައިރުތަކެއް ނުވެ، ލޫކާ މޮޑްރިޗަށް ރަތްކާޑު ދެއްކުމުން ގިނަ ބަޔަކު ހައިރާންވިއެވެ. ވީއޭއާރ ރިވިޔު އަށްފަހު ރެފްރީ ރަތްކާޑު ދެއްކި ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރަނީ އެއީ ރީނދޫ ކާޑެއް ދައްކަން ޖެހޭ ހާލަތެއް ކަމަށެވެ. އެހެނަސް، ލަލީގާއިން މި ސީޒަންގައި އަލަށް އަމަލު ކުރަން ފަށާފައިވާ ގަވާއިދުގައި ބުނާގޮތުން، ފަހަތުން ކުޅުންތެރިޔެއްގެ ފައިގެ ހުޅަށް ކުރާ ޓެކުލް އައީ ސީދާ ރަތްކާޑެކެވެ. އެހެންކަމުން މި ގަވާއިދަށް ބަލާއިރު، މޮޑްރިޗްއަށް ރަތްކާޑު ހައްގެވެ.
ރަތް ކާޑަށް ފަހު ރެއާލްއަށް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބެލެވުމަށް، ޓީމަށް ގެނައި ބަދަލުތަކާއެކު އިސްކޯ ކުޅެން އެރުމުން ރެއާލްގެ ކުޅުން ހަލުވިކަން ފާހަގަ ކުރެވުނެވެ.
ސެލްޓަގެ ނުރައްކާތެރި ހަމަލާއެއް ރެއާލްގެ ގޯލްކީޕަރ ކޯޓުއާ ހުށިޔާރުކަމާއެކު ސަލާމަތްކުރިތާ މާކަ ގިނައިރުތަކެއްނުވެ، އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކްރޫސް ވަނީ ލަނޑު ޖަހައި، ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. މި ބާރު ބޯޅަ ގޯލަށް ވަނީ މަތީ ދަނޑީގެ އެތެރޭގައި ޖެހިފައެވެ.
ރެއާލްގެ ތިން ވަނަ ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި ޖަހައިދިނީ، ބެންޒެމާގެ އެސިސްޓަކާއެކު ލޫކަސް ވަޒްކުއޭޒް އެވެ. ވަޒްކުއޭޒް ކުޅެން ނުކުތީ ދެ ވަނަ ހާފުގައެވެ.
3-0 އިން ރެއާލް މޮޅުވާން ދަނިކޮށް ފަހު ވަގުތު ސެލްޓަ ވިގޯ އަށް ސުން ކަނޑާލަދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، އުމުރުން އެންމެ 18 އަހަރުގެ ލޮސާޑާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް