ޕީޕީއެމްއަކީ ރާއްޖޭގެ ވަތަނީ ފައުޖުކަމަށާއި ، މި ފައުޖު ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް ފެތުރިފައިކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ތިނަދޫގައި މިއަދު ކުރިޔަށްގެންދިޔަ ހިނގާލުމަށްފަހު ސަޕޯޓަރުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ޑރ.ޝަހީމް އިދިކޮޅު ފަރާތްތަކަށް ވަނީ އެ ފައުޖާ ގުޅިވަޑައިގަތުމަށް އެދިވަޑައިގަންފައެވެ.
ޑރ.ޝަހީމް ވިދާޅުވީ " އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ އަޚުންނޭ. އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ އެކުވެރިންނޭ. " ކަމަށެވެ. ތިނަދޫގެ ދެ ދާއިރާއަކުން ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެން މިހާރު އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުޅޯއަށާއި ތިނަދޫގެ ދެކުނު ދާއިރާގެ މެމްބަރ ސައުދަށް، ޑރ.ޝަހީމް ވަނީ ޕީޕީއެމްގެ ސަފާ ގުޅިވަޑައިގަތުމަށް ގޮވާލައްވާފައެވެ.
" އަބްދުﷲ އާއި ސައުދަށް ވެސް އަޅުގަނޑު ދަންނަވާނީ މި ސަފަށް އަރައިވަޑައިގަންނަވާށޭ. މިތާ މިތިބީ ތިބޭފުޅުން އިންތިހާބުކުރި މެމްބަރުން. ޕީޕީއެމްގެ މެމްބަރުން. ޕީޕީއެމް މިއޮތީ މިތާނގައޭ އިނގޭތޯ،" ޑރ. ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ވިދާޅުވީ ތިނަދޫގައި ހޭދަކުރި ދެތިން ދުވަހުގެ ތެރޭގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވިކަމަށާއި އިދިކޮޅު ފަރާތްތަކާވެސް ބައްދަލުކުރެއްވި ކަމުގައެވެ. އަދި އެ ފިކުރުގެ ވަރަށް ގިނަ މީހުން މިހާރު ބަދަލުވެފައިވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމްގެ ވާހަކައިގައި ވަނީ ތިނަދޫ އަށް ރައީސް ޔާމީން ގެންނަވާފައިވާ ތަރައްޤީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް