ރިޔާސީ އިންތިޚާބަށް ބަކީ އޮތީ 36 ދުވަހެވެ. ވޯޓް ކަރުދާހުގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަނީ ދެ ނަމެކެވެ. އެއީ ނަންބަރު އެކެއް، ޕީޕީއެމްގެ ކެނޑިޑޭޓް އަދި ރައިސޫލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ދެވަނަ ނަންބަރަކީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުޙައްމަދު ސާލިހެވެ. ރައްޔިތުންނަށް މިވަގުތަށް އޮތް "ޗޮއިސް" ތަކަކީ މިދެބޭފުޅުންނެވެ. މިއީ އެހެން އިންތިޚާބުތަކާއި ޚިލާފަށް ޝައުޤުވެރިކުރުވަނިވި އަދި ވަރަށް ވާދަވެރި އިންތިޚާބެކެވެ. ސަބަބުތައް ބައިވަރެވެ.
އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރުމާއެކު ދެ ކެންޑީޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ސޯޝަލް މީޑީއާއާއި އަދި ކެމްޕެއިން ހަރާކާތްތަކުގައި ނަންބަރުތައް ބޭނުންކުރަން ފަށާފައެވެ. ނަންބަރުތަކާއި ގުޅުވައި އެއް ކެންޑިޑޭޓް އަނެއް ކެންޑިޑޭޓަށްވުރެ މޮޅުކުރުމަށް ކުރާ މަސައްކަތަކަކީ ޝައުޤުވެރި ކަންތައްތަކެކެވެ. އެގޮތުން އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތް ޓުވީޓަކީ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ކޮށްފައި އޮތް ޓީވީޓެވެ. "އެއްވަނަ ރައީސަށް އެއްވަނަ ދިނުމަށް" ވިދާޅުވެ ޔާމިން ވަނީ 1 ނަންބަރަށް ވޯޓް ދިނުމަށް ގޮވާލާފައެވެ.
ހަމައެއާއެކު އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުންވެސް ވަނީ ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުޙައްމަދު ސާލިހަށް ތާއިދުކޮށް ޓުވީޓްކޮށްފައެވެ. އެގޮތުން ޖުމްހުރީ ޕާޓީއާއި އަލަށް ގުޅުނު އެޕާޓީގެ ކަލްޗަރ އެންޑް ހެރިޓޭޖް ކައުންސިލްގެ ޗެއާމަން އަލީ ޝާމިން ވިދާޅުވަނީ ރައްޔިތުންނަށް އަބަދުވެސް 2 ވަނަ ޗޮއިސްއެއް އޮންނަން ޖެހޭނެ ކަމަށާއި އެ ޗޮއިސްއަކީ ނަންބަރު 2 އިބްރާމް މުޙައްމަދު ސޯލިހު ކަމަށެވެ.
2018 ވަނަ ބާއްވާ އިންތިޚާބަކީ ފެހި ޤާނުން އަސާސީގެ ދަށުން ބާއްވާ ތިންވަނަ އިންތިޚާބެވެ. މި އިންތިޚާބަށް ދިވެހިން ކުރިމަތިލާއިރު ވޭތުވެދިޔަ އިންތިޚާބުތަކުގައި ރައްޔިތުން ވޯޓް ދިފައިވާ ގޮތްތައް ދިރާސާކުރުމަކީ މުޙިއްމުކަމެކެވެ.
2008 ރިޔާސީ އިންތިޚާބު
2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަކީ އެއްގޮތައް ވުރެ ގިނަ ގޮތްގޮތުން ތަފާތު އިންތިޚާބެކެވެ. އެއީ ރާއްޖޭގެ އޮތް ޒަމާންވީ ވެރިކަމެއް ބަދަލުކޮށްލި އިންތިޚާބެވެ. ރައީސް މައުމޫން 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯޓުން ބަލިވި އިންތިޚާބެވެ. އަދި ގިނަ ޕާޓީ އެކުލޭވޭ ގޮތަށް ބޭއްވި އެންމެ ފުރަތަމަ އިންތިޚާބެވެ. ރައީސް މައުމޫނާއި ވާދަކުރަން ފުރުތަމަ ބުރުގައި ނުކުތީ އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް މައުމޫންގެ ކެބިނެޓްގައި ވަޒީރެއްގެ މަގާމު އަދާކުރެއްވި ޑރ. ހަސަން ސައީދާއި ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އައިޑީޕީގެ އޭރުގެ ރައިސް އުމަރު ނަސީރާއި އަދި އޭރުގެ ސޯޝަލް ލިބަރަލް ޕާޓީގެ ރައިސް އިބްރާޙިމް އިސްމާއިލެވެ. ނަމަވެސް ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވެއެވެ. އެންމެ ތާއިދު ބޮޑު ރައީސް މައުމޫނަށްވެސް ލިބުނީ 40.34 އިންސައްތައެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އުމަރު ނަސީރު ފިޔަވައި އެހެން އެންމެން ތާއިދުކުރީ ދެވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވި މުޙައްމަދު ނަޝީދަށެވެ. ސަބަބެއް ކަމަށް ހުރިހާ ޕާޓީތަކުގެ ކެންޑިޑޭޓުން ވިދާޅުވީ ރާއްޖެއަށް ބަދަލެއް ބޭނުންވާ ކަމަށެވެ. އެފަހަރު އިންތިޙާބު ކާމިޔާބު ކުރީ ކެންޑިޑޭޓް ނަންބަރު 2 މުހައްމަދު ނަޝީދެވެ.
2013 ރިޔާސީ އިންތިޙާބު
2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޙާބަކީ ރާއްޖެ ސިޔާސީ ގޮތުން ވަރަށް ހަލަބޮލިވެފައިވާ ދުވަސްކޮޅެއްގައި ބޭއްވުނު އިންތިޚާބެކެވެ. 2013 ވަނަ އަހަރުގެ އިންތިޚާބާއި ކުރިމަތިލިއިރު 2008 ވަނަ އަހަރު އިންތިޙާބު ކާމިޔާބު ކުރި މުޙައްމަދު ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ވެރިކަމުގައި އޭރު ހުންނެވީ އެމަނިކުފާނުގެ ނައިބަކަށް ހުރި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރިވީ އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދާއި ޤައުމީ އިއްތިހާދު ޕާޓީގެ ފަރާތުން ރައީސް ވަހީދާއި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންއާއި ޖުމްހުރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމެވެ. އެ އިންތިޙާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ 45.45 އިންސައްތައެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އިންތިޚާބުގެ ފުރަތަމަ ބުރު ސްޕްރީމް ކޯޓުން ބާތިލްކުރީއެވެ.
އިންތިޙާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން އެރީ 2 ވަނައަށް އެންމެ ގިނަ ވޯޓް ލިބުނު ޕީޕީއެމްގެ ކެންޑިޑޭޓް ޔާމިން އަބްދުލް ގައްޔޫމްގެ ފަހަތަށެވެ. އެފަހަރު އިންތިޙާބު ކާމިޔާބު ކުރީ ކެންޑިޑޭޓް ނަންބަރު 2 އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. ރައީސް ނަޝީދަށް އިންތިޚާބުގައި ކާމިޔާބު ނުލިބުނީ އޭރު ހުރިހާ އިދިކޮޅު ޕާޓީތައް ބަދަލަކަށް ބޭނުންވާތީއެވެ.
2018 ރިޔާސީ އިންތިޙާބު
މިއަހަރުގެ ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިޚަބު ތަފާތުވާ ސަބަބަކީ މި އިންތިޚާބުގައި މާ ބައިވަރު "ޗޮއިސް" ތަކެއް ރައްޔިތުންނަކަށް ނެތެވެ. އޮތީ ދެ ނަންބަރެކެކެވެ. ސުވާލަކީ ދިވެހި ރައްޔިތުން މިފަހަރު ނަގާނީ ކޮން ނަންބަރެއް ތޯއެވެ. ކުރީގެ އިންތީޚާބުތަކަށް ނަޒަރު ހިންގާލާއިރު އެންމެ ބޮޑަށް އިންތިޚާބުތަކުގައި ނަކާމިޔާބީއާއި ގުޅިފައިވަނީ އެ ކެންޑިޑޭޓުން ޤައުމަށް ކޮށްދީފައި ހުރި ކަންތައްތައް މަދު ވެގެންނޭ ބުނެވޭނެ ކަމަކަށް ޤަބޫލުނުކުރެވެއެވެ. އޭގެ އެއް މިސާލަކީ ރާއްޖޭގައި ރާއިސް މައުމޫނާއި ރައިސް ނަޝީދެވެ. އެދެ ރައީސުން މި ޤައިމަށް ކޮށްދެއްވި ކަންތައްތައް މަދެއް ނޫނެވެ. ނަމަވެސް ރައްޔިތުން ބޭނުންވީ ބަދަލެކެވެ. މި އިންތީޙާބުގައިވެސް އެފަދަ ގޮތަކަށް ނަތީޖާ އައުމަކީ އެކަށީގެންވާ ކަމެކެވެ. ރައީސް ޔާމީން ރާއްޖެއަށް ވަރަށް ގިނަ ގުނަ ޚިދުމަތްކޮށްދެއްވައިފިއެވެ. ނަމަވެސް އެމަނިކުފާނާއި މެދު ކުރެވެނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. ނާއިންސާފާއި ކޮރަޕްޝަނާއި ލާއިންސާނީ އަމަލުތަކުގެ ތުހުމަތުން އެމަނިކުފާނުވަނީ ފޯވެފައެވެ. އެމަނިކުފާނުގެ އެއްބާރުލެއްވުމާއިއެކު އުފެއްދެވި އެމްޑީއޭ އާއި މީސްކޮޅު މަދު ޑިއާރުޕީ ފިޔަވައި ދެން ހުރި ހުރިހާ ޕާޓީތައް ވަނީ އެމަނިކުފާނާއި ދެކޮޅަށް ބޮޑު ކޯލިޝަނެއް ހަދާފައެވެ. އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ނަންބަރު 2 އިބްރާހިމް މުޙައްމަދު ސާލިހެވެ.
އަދި ޝައުގުވެރި އެއް ވާހަކަ އެބައޮތެވެ. ފެހި ޤާނޫން އަސާސީގެ ދަށުން ބޭއްވި ހުރިހާ އިންތިޚާބުތައްވެސް ފަހު ބުރުގައި ކާމިޔާބު ކުރަނީ ކެންޑީޑޭޓް ނަންބަރު 2 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް