ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމުތައް އޮޅުވާލުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި، އެއްވެސް ހާލެއްގައި ރީރަޖިސްޓްރޭޝަން އޮޅުވާލުމަށް މަސައްކަތް ކޮށްފައި ނުވާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ރީރަޖިސްޓްރީ ކުރުމަށް ފޯމެއް ވައްދާފައި އޮވެގެން ނޫނީ އެފޯމެއް ރީރަޖިސްޓްރީ ކޮށްފައި ނުވާނެކަމުގައެވެ.
" އޮޅުވާލާފައިވާނަމަ އޮޅުވާލާފައި ވަނީ އެފޯމެއް ވެއްދި ފަރާތްތަކުން. ސިޔާސީ ޕާޓީތަކުން. ނުވަތަ އެފޯމުތައް ހިތްޕަވައިގެން ވަޑައިގެންނެވި ފަރާތްތަކުން، އިލެކްޝަން ކޮމިޝަންގެ ބޮލުގައި ނުވަތަ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި މި ނާޅުވާ. ރީރަޖިސްޓްރޭޝަނާ ގުޅޭ މަޢުލޫމާތު މިހާރު ހާމަކުރުން ލަސްވެގެން މިދަނީވެސް ހަޤީޤަތުގައި ފޯމުތައް ވައްދާފައި ހުރި ފަރާތްތަކުން އޮޅުވާލުމާއި ކަންކަން ކުރުމުން އެއެއްޗެހި ބަލާ އައިޑެންޓިފައި ކުރުމަށް." ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މިހާރު ހުރިހާ މަސައްކަތެއް ނިމިއްޖެކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ރީރަޖިސްޓްރޭޝަނާ ބެހޭ ހުރިހާ ތަފްސީލެއް ހާމަކުރާނެކަމުގައެވެ. އަދި ފޯމުތައް ވައްދާފައި ހުރި ފަރާތްތަކުގެ ތަފްސީލީ މައުލޫމާތުތައް އިލެކްޝަން ކޮމިޝަންގައި އެބަހުރިކަމަށް ޝަރީފް ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް އިނގޭ ފޯމު ވައްދާފައި އޮތީ ކޮންފަރާތްތަކުން ކަމާއި ފޯމު ވައްދާފައި ހުރި ފަރާތުގެ އިނގިލީގެ ނިޝާން އަޅުގަނޑުމެންގެ އަތުގައި އެބަހުރި، ކޮން ޕާޓީ އަކުން ކަމެއް، ކޮން އެޑްރެހެއްގެ މީހެއްކަމެއް ، އެ މަޢުލޫމާތު އަޅުގަނޑުމެންގެ އަތުގައި އެބަހުރި. " ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ "އިންތިޚާބީ ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރި އެންމެންގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރާނަން" ކަމަށެވެ. އަދި އެމީހުން އެކުރި ކުށުގެ އަދަބު އެއޮންނަ އުސޫލެއްގެ ތެރެއިން ދޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. ކުރިމަގުގައި އިންތިޚާބީ ކަންކަން އޮޅުވާލުމަށާއި އިލެކްޝަން ކޮމިޝަންގެ ބޮލުގައި އެފަދަ އިލްޒާމެއް ނޭޅުވުމަށް ހުރިހާ ފަރާތްތަކަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ. ޝަރީފު ވިދާޅުވީ ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް، ވޯޓު އޮޅުވާލުމަށް މަގުފަހިވާ ފަދަ ކަމެއްވެސް އިލެކްޝަން ކޮމިޝަނުން ނުކުރާނެ ކަމުގައެވެ. އަދި އެފަދަ ކަމެއް ވަކިގޮތަކަށް ކުރުމަށް އިލެކްޝަން ކޮމިޝަނުން ރާވާފައިވެސް ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރީރަޖިސްޓްރޭޝަނަށް 95000 ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމުގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެއަދަދަށް ރީރަޖިސްޓްރޭޝަން ކުރުމަށް ހުށަނާޅާނެކަމަށާއި އެއަދަދަށް ހުށަހަޅައިފިނަމަ އެކަމުގެ ތެރޭގައި އޮޅުވާލުން ހިމެނޭކަމަށެވެ. އަދި ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތަފްސީލު ހާމަކުރުމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މީގެއިތުރުން ރީރަޖިސްޓްރޭޝަނަށް ފޯމު ހުށަނާޅާ ފަރާތްތަކެއް އެހެން ތަންތަނަށް ރަޖިސްޓްރީ ވެފައިވާކަމަށް ބުނެފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް