ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީނަށް ކެންޑިޑޭޓް ނަންބަރ އެކެއް އަދި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ޞާލިހު އަށް ކެންޑިޑޭޓް ދޭއް ލިބިވަޑައިގެންފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށަހެޅުއްވި 3 ފަރާތުގެ ތެރެއިން އިލެކްޝަން ކޮމިޝަނުން ކެންޑިޑެންސީ ބަލައިގަތް ދެ ކެންޑިޑޭޓުންކަމަށްވާ، ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އިބޫ އަށް ކެންޑިޑޭޓް ނަންބަރު މިގޮތަށް ހަމަޖެހިގެން ދިޔައީ، ގުރުއަތު ނެގުމަށް ، އިލެކްޝަން ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމެންޓް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތުގައި ގުރުއަތުލުމަށް ބައިވެރިވެވަޑައިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ގުރުނެންގެވީ ޕީޕީއެމްގެ ނައިބު ރައީސް ، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އިބޫގެ ފަރާތްޕުޅުން ގުރުނެންގެވީ،އިބޫގެ ކެމްޕޭން އެޖެންޓް، ޤާނޫނީ ވަކީލު ހިސާން ހުސައިން އެވެ.
2008 ވަނަ އަހަރު ރާއްޖޭގައި އަމަލުކުރަންފެށި އާ ޤާނޫނު އަސާސީގެ ދަށުން ބާއްވާ ތިންވަނަ ރިޔާސީ އިންތިޚާބަށް މިއިންތިޚާބު ވެގެންދާއިރު މިއީ ދެވަނަ ބުރަކަށް ނުގޮސް ބާއްވާ ފުރަތަމަ އިންތިޚާބެވެ. މިއިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންކަމަށް ވުމުން ، ފުރަތަމަ ބުރުން ފަންސާސް އިންސައްތައަށް ވުރެ މަތިން ހޯއްދަވާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވުނީއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. ދެން ވާދަކުރައްވަނީ ގުޅިފައިވާ ކޯލިޝަނުން ނެރެފައިވާ ކެންޑިޑޭޓެވެ. އެއީ ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓަކަށް އިދިކޮޅު ކޯލިޝަނުން ހަމަޖައްސާފައިވާ ޖުމްހޫރީ ޕާޓީގެ ފަރާތުން، ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމެވެ.
ކެންޑިޑޭޓުންގެ ނަންބަރު މިއަދު ތަރުތީބުކުރެވުމާއެކު ރަސްމީކޮށް ކެމްޕޭން ފެށިގެން ދިޔައީއެވެ. އަދި މިއާއެކު ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ސެކިޔުރިޓީދޭން ރަސްމީކޮށް ފަށާނެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 263،000 މީހަކަށް ލިބިގެންވެއެވެ. މީގެތެރެއިން ރަށްވެހިވެފައިވާ ރަށްނޫން އެހެން ތާކަށް ވޯޓުލުމަށް 95000 މީހުން ރީރަޖިސްޓްރޭޝަން ކުރުމަށް ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. ނަމަވެސް ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތަފްސީލެއް އަދި އިލެކްޝަން ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އެމަޢުލޫމާތު ކުރިޔަށް އޮތް ހަފްތާތެރޭގައި ހާމަކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް