ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ހުޅުމާލެ ތަރައްޤީ ކުރައްވާފައި ކަމަށާއި ، ރައީސް ޔާމީން ފައްޓަވާފައިވާ މަޝްރޫޢުތައް ނިމޭއިރު ހުޅުމާލޭގައި ތަރައްޤީކުރާކަމަށް އިތުރުކަމެއް ނޯންނާނެކަމަށް އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސައީދު މިގޮތަށް ވިދާޅުވީ، ރޭ ހުޅުމާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ބާބެކިއުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ( އިބޫ ) ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
އިބޫ ވިދާޅުވެފައިވަނީ ހުޅުމާލެއަކީ ތަރައްޤީ ކުރެވިދާނެ އަވަށެއްކަމަށާއި ، ކޯލިޝަންގެ ވެރިކަމެއްގައި ހުޅުމާލެ ތަރައްޤީ ކުރުމުގެ ޕްލޭނެއް އެބަ އޮތްކަމަށެވެ. އަދި މަޝްރޫޢުތައް ކުރިޔަށްދާނީ ކޮރަޕްޝަނާ ނުލާކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ. އިބޫ ގެ މިވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓާރ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ހިޔާ މަޝްރޫޢު ނިމި، ވިޔަފާރި އާއި ގެދޮރުވެރިކަމުގެ މަސައްކަތް ނިމޭއިރު ކުރާކަށް އިތުރު ތަރައްޤީ އެއް ނޯންނާނެކަމަށެވެ. އަދި ރައީސް ޔާމީން ވަނީ ކުރިޔަށް ތިން ފިޔަވަޅު އަޅުއްވައި ވިލިމާލެ-2 ވެސް އިއުލާންކުރައްވާފައި ކަމުގައެވެ.
މިނިސްޓާރ ސައީދު ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ހުޅުމާލެ-2 ގައި ފެއްޓެވި 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަމަ ބާރަށް ކުރިޔަށް ދާކަމުގައެވެ. " މިމަސައްކަތް މަސްހުނި ފިކުރަކަށް ނުހިންގޭނެ.އެއީ ކޯލިޝަންގައި ހިމެނޭ ތަފާތު ރަހަ ތަކުގެ ސަބަބުން. އެމްޑީޕީ، ޖޭޕީ ގެ ނަތީޖާއަކީ ހިމެނޭ ތިން މީހެއްގެ އަމިއްލަ މަސްލަހަތު. މިއަކަށް ޖަވާބެއް ނުދެވޭނެ." އިބޫ ޓެގް ކުރައްވާ މިނިސްޓާރ ކުރެއްވި އެހެން ޓްވީޓެއްގައި ވެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ މަސައްކަތް ދެ ފަރާތުން ކުރަމުންދާއިރު ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން އިބޫ ދައްކަވާ ވާހަކަތަކަށް ސަރުކާރުން އަންނަނީ ރައްދުދެމުންނެވެ. އެގޮތުން އިބޫ އިއުލާންކުރައްވަނީ މިސަރުކާރުން ކޮށްފައި ނުވަތަ ކުރަމުންދާ މަސައްކަތްތައްކަމަށް ބުނެ ސަރުކާރު ހިންގާ ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް