ގދ. ތިނަދުއަށް އިއްޔެ ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު ކައިރީގައި ސަޕޯޓަރުންނާއެކު ފޮޓޯ ނެގުމުން ، މިސްކިތް ސިޔާސީ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ފާޑު ކިޔަމުން ދަނީ ، ހައިބަތުން ފުރިފައިވާ އިސްލާމީ ބިނާ ދުށުމަށް އެމީހުންގެ ހިތްތައް ނުކުޅެދުމުން ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މިރޭ ތިނަދޫގެ ދެކުނު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ މިސްކިތުގެ ހުރުމަތް ކަނޑާލިކަމަށް ބުނެ ވާހަކަ ދައްކަމުން ދަނީ ، އެތަނަށް އެއްވަފައި ތިބި މީހުންގެ އެ ފޮޓޯ ހަޖަމުނުވާތީ ކަމުގައެވެ.
ޑރ.ޝަހީމް ވިދާޅުވީ އެތަނަށް އިއްޔެ ތިނަދޫގެ ރައްޔިތުންނާއެކު ދިޔުމުން ހައިބަތުން ފުރިގެންވާ އެ ބިނާ މުޅިދުނިޔެއަށް ފެނިއްޖެކަމުގައެވެ. އެހެންކަމުން އެކަން ބަޔަކު ހަޖަމު ނުވީކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. " އެމީހުން ބުނަމުންދިޔައީ އަޅުގަނޑުމެން މިސްކިތެއްގެ ހުރުމަތް ކަނޑާލައިފިއޭ. އަޅުގަނޑު ދަންނަވާލާނީ އެއީ އަދި މިސްކިތަކަށް ނުވެ ހުރިތަނެކޭ. އަޅުގަނޑުމެން އަދި އެތާ އެތެރެޔަކަށް ނުވެސް ވަންނަމޭ. އަޅުގަނޑުމެން ފޮޓޯ އެއް ނެގީ އެތާންގެ ބޭރުގައި ސިޑި މަތީގައޭ. އެތާ އެތެރެއަކަށް އަޅުގަނޑުމެންގެ މީހުންނެއް ނުވަދޭ. އެއީ އަދި އިމާރާތްކުރެވެމުން ދާ ތަނެއް. އެއީ އަދި ނިމިފައި ހުރި ތަނެއް ނޫން. އެއީ އަދި ކޮންސްޓްރަކްޝަން ސައިޓެއް. އެތަނަށް ޒިޔާރަތްކުރީ އެތަން ބަލަން. އެއްވެސް ހާލެއްގައި އެތާންގައި ކެމްޕޭންގެ ހަރަކާތެއް ހިންގާކަށް ނޫން . " ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ޕީޕީއެމް އިން އިސްލާމީ ކޮންމެ މުއައްސަސާއެއްގެ ހުރުމަތް ދަމަހައްޓާނެކަމުގައެވެ. " މިސަރުކާރަކުން ދުވަހަކުވެސް އިސްލާމީ ޝިޢާރެއްގެ ހުރުމަތް ކަނޑައެއް ނުލާނެ. އަޅުގަނޑުމެންނެއް ދުވަހަކުވެސް އިސްލާމީ ޝިޢާރެއްގެ ޤަދަރު ކުޑަކޮށްނުލާނެ. " ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ މިސަރުކާރުން ދިވެހިރާއްޖޭގައި އިސްލާމު ދީން ދަމަހައްޓާ އިސްލާމީ ތަޢުލީމު ފެތުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމުގައެވެ.
ގދ. ތިނަދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ތިނަދޫ ރައްޔިތުންނާއެކު ތިނަދޫގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު ކައިރިއަށް ވަޑައިގެން އެތާންގައި ފޮޓޯ ނެންގުވުމާއެކު، ގިނަ ބަޔެއްގެ ފާޑުކިޔުން ޑރ.ޝަހީމަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. އެގޮތުން މިސްކިތް ސިޔާސީ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރެއްވީ ކަމަށާއި އެތާންގެ ހުރުމަތް ޑރ،ޝަހީމް ކަނޑާލެއްވިކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންވެސް ވަނީ ވާހަކަ ދައްކަވާ ފައެވެ.
އިސްލާމް ދީން ހިމާޔަތްކުރެވޭނީ މިސަރުކާރަށް ކަމަށާއި އިސްލާމް ދީން ރާއްޖޭގައި ދެމިއޮންނާނީ ރައީސް ޔާމީން ވެރިކަމުގައި ބަހައްޓައިގެންކަމަށް ޑރ.ޝަހީމް ވިދާޅުވަމުން ގެންދަވާއިރު ، ޑރ.ޝަހީމް އާއި ޚިޔާލު ތަފާތު ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމާ ދެކޮޅު ހައްދަވާ، ކޮންމެ ވެރިއެއް ރާއްޖެ އައި ނަމަވެސް މިތާންގައި އިސްލާމް ދީން އޮންނާނެކަމަށް ވިދާޅުވަމުންނެވެ. މިކަމުގައި ދީނީ ޢިލުމުވެރިންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް އަންނަނީ ބަދަލު ކުރެވުމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް