ގަހަނާތަކަކާއި، ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މީހަކު އައްޑޫ ސިޓީ ހުޅުމީދޫން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހުޅުމީދޫގެ ގެއަކުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އިއްޔެ 11:55 ހާއިރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި ވައްކަމާއި ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، އެމީހާ ވަގަށް ނަގާފައިވާ ގަހަނާތައް ފުލުހުން ވަނީ ހޯދާފައެވެ. ނަމަވެސް އެމީހާ ވަގަށް ނަގާފައިވާ 13000 ރުފިޔާ އަދި ހޯދާ ނުފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހާ ވަގަށް ނަގާފައިވާ ގަހަނާތަކުގެ ތެރޭގައި ރަން ފަށާކާއި، ފައިގަ އަޅާ ދެ ރަން ކެވެލިކޮޅާއި، އަތުގައި އަޅާ ކެވެލިކޮޅެއް ވަނީ ފެނިފައެވެ. އަދި ފަށު ފުލެއްގެ އިތުރުން، ދެ ރަން އަނގޮޓިވެސް ފުލުހުން ވަނީ އެމީހާގެ އަތުން ހޯދާފައެވެ.
މި މީހާގެ ބަންދަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް