ސައިކަލު ވަގަށް ނެގުން އާންމުވެފައިވާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ފަހަކަށް އައިސް ސައިކަލު ވަގަށް ނެގުން އާންމުވެފައި ވާތީ، އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދަމުން ދާ މި ...

18 Jul 2019 | 10:42

ފަހަކަށް އައިސް ސައިކަލު ވަގަށް ނެގުން އާންމުވެފައި ވާތީ، އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދަމުން ދާ މި އޮޕަރޭޝަނަކީ، ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.

މި އޮޕަރޭޝަން ފެށިފަހުން މިހާތަނަށް 34 ސައިކަލެއް ގެއްލިގެން ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެތެރެއިން 23 ސައިކަލެއް ހޯދާފައިވާއިރު، އޭގެތެރެއިން 11 ސައިކަލު ވަނީ ފުލުހުންގެ މަސައްކަތުން ހޯދާފައެވެ. އަދި އަނެއް 12 ސައިކަލު ހޯދާފައި ވަނީ ވެރިފަރާތުން ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ސައިކަލު ވަގަށް ނެގުން ހުއްޓުވުމަށް ފުލުހުން ކުރަމުން މިދާ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެ ދެތިން އަހަރާއި ބަލާފައި އަހަރުގެ މިހާތަނަށް މިފަދަ ކޭސްތައް ރިޕޯޓްކޮށްފައިވާ މިންވަރުވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން ބަލާއިރު އަހަރު ފަށައިގެން ފެބްރުވަރީ މަސްތެރޭ ވެހިކަލްތައް ވަގަށް ނެގުމުގެ 42 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ފަރާތުން ދުވަސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ މުހައްމަދު ނަދީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މާރިޗް މަހު 27 މައްސަލަ، އެޕްރީލް މަހުގައި 52 މައްސަލަ، މެއި މަހު 49 މައްސަލަ އަދި ޖޫން މަހުގެ ފަނަރައިގެ ނިޔަލަށް 22 މައްސަލަ ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް