އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.
އައިޖީއެމްއެޗުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ ނަރުހުންގެ ތިން ރޭންކަކަށް 24 ނަރުހުން ބޭނުންވާ ކަމުގައެވެ. އެއީ ރެޖިސްޓަރޑް ނަރުހުން، ސީނިއަރ ރެޖިސްޓަރޑް ނަރުހުން ނުވަތަ ކްލިނިކަލް ނަރުހުންނެވެ.
އެ ހޮސްޕިޓަލުން ނެރުނު އިއުލާނުގައި ވާގޮތުން، ރެޖިސްޓަރޑް ނަރުހުންނަށް 9060 ރުފިޔާ އާއި 9360 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭއިރު، ސީނިއަރ ރެޖިސްޓަރޑް ނަރުހުންނަށް 9670 ރުފިޔާ އާއި 10160 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭނެއެވެ. އަދި ކްލިނިކަލް ނަރުހެއްގެ މުސާރަ 10410 ރުފިޔާ އިން ފެށޭއިރު 10940 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. މީގެ އިތުރުން ސާވިސް އެލަވަންސް ގެ ގޮތުގައި 188 ރުފިޔާ ލިބެއެވެ. އަދި ހަމަޖެހިފައި އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ރެޖިސްޓަރޑް ނަރުހެއްގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ނާސިންގެ ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އިއުލާންގައިވެއެވެ. އަދި ސީނިއަރ ރެޖިސްޓަރޑް ނަރުހެއްގެ މަގާކަށް ކުރިމަތިލާއިރު، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާން ޖެހޭނެއެވެ. މީގެއިތުރުން، ކްލިނިކަލް ނަރުހެއްގެ މަގާޟަށް ކުރިމަތިލާއިރު މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާން ޖެހޭނެކަމަށް އެ ހޮސްޕިޓަލުން ނެރިފައިވާ އިއުލާނުގައި ވެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 ޖުލައި 2019 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް