ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް އަހުމަދު

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވިކްޓްރީގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނެވި މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފި އެވެ. މާއްޓޭ އެ މަގާމަށް ހަމަޖެއްސިކަން ޕްރައ...

18 Jul 2019 | 08:18

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވިކްޓްރީގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނެވި މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފި އެވެ.

މާއްޓޭ އެ މަގާމަށް ހަމަޖެއްސިކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އޭނާގެ ޒންމާއަކީ ދުވަހުން ދުވަހަށް ކުންފުނި ހިންގުމުގެ ކަންތައްތައް ފުރިހަމަ އަށް ބެލެހެއްޓުމެވެ.

މާއްޓޭ ވަނީ ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލްކޮށްފަ އެވެ. އަދި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މާއްޓޭ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ވެސް ފުރައިފަ އެވެ.

ގައުމީ ޓީމުން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ގޯލް ބެލެހެއްޓި މާއްޓޭ އަކީ ވިކްޓަރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭގެ ފަހުން ކޯޗިން ކެރިއަރު ފަށައި މާއްޓޭ ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ އަށް 2002 ވަނަ އަހަރުގެ ގައުމީ ތަށި މިލްކުކޮށްދީފަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ އިތުރު ދެ މަގާމަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން ކުރިން ޒީޝާން އަބްދުލް ރަހީމް އާއި މުހައްމަދު ފިޝާވިން ސަލީމް ފުރަމުން އައި ޑިރެކްޓަރުގެ މަގާމަށް ވަނީ އިސްމާއިލް ފާރިޝް އާއި އަބްދުލް ލަތީފް އަބްދުލް ހަކީމް ހަމަޖައްސައިފަ އެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް