ރަފީގެ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރ ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދު

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ގުޅިގެން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ "ގްލޯބަ...

18 Jul 2019 | 05:39

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ގުޅިގެން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ "ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް (ޖީ.ވައި.ޕީ.އޭ)" ޓްރެއިނިންގ ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި، އޮގަސްޓް މަހުގެ 28 އިން 31 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގެ ތެރެއިން ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވަނީ ޖީ.ވައި.ޕީ.އޭ ނިންމުމުގެ ރަސްމިއަޔާތުގައާއި ޕްރޮގްރާމުގެ ތެރެއިން ހުރިހާ ބައިވެރިން ހިމެނޭގޮތަށް ކުރިޔަށްގެންދާ ސްނޯކްލިންގ އިވެންޓް "ސްނޯކްލް ފޯރ ގްލޯބަލް ޕީސް - އައި އޭމް ޕީސް ވިތް މެރިން ލައިފް، ސްޓޮޕް ލިޓަރރިންގ" އިވެންޓްގައެވެ.

ޖީ.ވައި.ޕީ.އޭގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދު ހަމަޖެހިގެން ދިޔުމާއި ގުޅިގެން ރަފީ ޖަމިއްޔާގެ ފައުންޑިންގ ޕްރެޒިޑެންޓް ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ، ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ޕީސްއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންގެންދަވާ ވަރުގަދަ ޝަހުސިއްޔަތެއް މިޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖެހިގެންދިޔުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ރަފީއިން ދެއްވި ދައުވަތު ގަބޫލުކުރެއްވި ކަމަށްޓަކައި ޑރ.ރަފިއްޔާވަނީ ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ.

ރަފީ ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި "ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ދުވަހުން ފެށިގެން މިހަރަކާތަށް ދަނީ ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި  ފުރަތަމަ ފަހަރަށް ގްލޯބަލް ސްކޭލްއެއްގައި ޕީސްއަށްޓަކައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވޭ މިއިވެންޓުން ޖުމްލަ 25 ގައުމު  ހިމެނޭގޮތަށް 150 ބައިވެރިން ތަމްރީނުވެގެންދާނެ ކަމުގައި ރަފީއިން މައުލޫމާތު ދެއްވައެވެ.

މިޕްރޮގްރާމުގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު، މިހާރު ކުރިޔަށްދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި، މިހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި މިފަރާތްތަކާއި އެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތެވެ. އެގޮތުން މިހާތަނަށް ބައިއަތު ހިފާފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް، ވަން ވަރލްޑް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ހިމެނެއެވެ. މީގެ އިތުރުންވެސް މިއިންޓްގައި  ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމުގައި ރަފީއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް