ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ. ޖުލައި މަހުގެ 17 އިން ފެށިގެން އޯގަސްޓް މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިލެކްޝަން ކޮމިޝަނުން ވަނީ ރާއްޖޭން ބޭރުގައި ރީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްދާނެ ތަންތަނުގެ ތަފްސީލް ހާމަކޮށްފައެވެ. އެގޮތުން ހޮނިހިރު އަދި އާދިއްތަ ދުވަސް ފިޔަވައި ރާއްޖޭން ބޭރުގައި ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ ހަތަރު ތަނުގައިވެސް ރީ ރަޖިސްޓްރޭޝަން ގެ ކަންކަން ކުރިޔަށްދާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އިންޑިޔާގެ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުން ރީ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށްދާނީ އިންޑިޔާ ގަޑިން ހެނދުނު 10:00 އިން ހަވީރު 03:00 އަށެވެ. ސްރީލަންކާ ގެ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރީ ރަޖިސްޓްރޭޝަން ގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގަޑިން ހެނދުނު 9:30 އިން ހަވީރު 03:30 އަށެވެ. މެލޭޝިއާ ގެ ކުއަލަލަމްޕޫރްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން މެލޭޝިއާ ގަޑިން ހެނދުނު 09:30 އިން ހަވީރު 03:00 އަށް ރީ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށްދާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި އިންގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންގިރޭސިވިލާތު ގަޑިން ހެނދުނު 10:00 އިން ހަވީރު 04:30 އަށް ރީ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށްދާނެއެވެ.
މިކަމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ން ކަމަށާއި މި ފޯމު ކޮމިޝަނުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަން ޖެހެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ޖެހެއެވެ.
ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް